އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އެވަޓަން 2-0 އިން ބަލިކޮށް ލީގުގެ އެއްވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 23 މެޗުން ލިބުނު 52 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 51 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށް އަލުން އެއްވަނަ ލިބޭނެ އެވެ. ލީގުގައި މިރޭ ލިވަޕޫލް ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށެވެ. ލީގުގެ ތިންވަނައިގައި 49 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން މާ ރަނގަޅު ފުރުސަތެއް ދެ ޓީމުން ކުރެ ޓީމަކަށް ލިބިފައެއް ނުވެ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ސިޓީ އަށް މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އާލިން ހާލަންޑް އެވެ. ހާލަންޑް މި ގޯލު ކާމިޔާބު ކުރީ އެވަޓަންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި މެޗުގެ 85 ވަނަ މިނެޓްގައި ހާލަންޑް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. މިއީ ސިޓީން އުފެއްދި ކައުންޓަ އެޓޭކެއްގައި ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ކާމިޔާބު ކުރި ދެ ގޯލާއެކު މި ސީޒަނުގެ ޕްރިމިއާ ލީގުގައި ހާލަންޑް ކާމިޔާބު ކުރި ގޯލުގެ އަދަދު ވަނީ 14 އަށް އަރާފަ އެވެ.
މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި ހަވަނަ މޮޅެވެ. ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ޗެލްސީއާ އެވެ.