އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް ދުއްވަން ދެންވެސް އެގައުމުން ފޮނުވާނީ އަސްކަރީ މީހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން އިންޑިއާ އިން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އިންޑިއާގެ ތިން އުޅަނދުގެ ތެރެއިން ދެ އުޅަނދެއްގައި ހަރަކާތްތެރިވާ ސިފައިން އަންނަ މަހު 10ގެ ކުރިން އަދި އަނެއް ދެ އުޅަނދުގެ ސިފައިން 10 މޭގެ ކުރިން އިންޑިއާ އަށް ގެންދަން އެގައުމުން ވަނީ އެއްބަސްވެފަ އެވެ. އިންޑިއާ ސިފައިންގެ ބަދަލުގައި އެ އުޅަނދުތައް ދުއްވަން ދެން ފޮނުވާނީ ކަމަށް ގާބިލު ފަންނީ މީހުން ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ރޭ އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މަދަނީ ހެދުމުގައި ތިބެގެން އިންޑިއާ މީހުން އުޅަނދުތއް ދުއްވަން ދިވެހި ސަރުކާރަށް މިހާރު ކަމުގޮސްފައިވާ ކަމަށާއި އަސްކަރިއްޔާގެ އުޅަނދުތައް ދުއްވަން އިންޑިއާގެ ޓެކްސީ ޑްރައިވަރުން ރާއްޖެ އަތުވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"އަޅުގަނޑަށް ވިސްނިގެން މި އުޅެނީ މިކަން މިހެނެއް ނުވާނެއޭ. ހަމަ އެ އުޅެނީ އަސްކަރީ މީހުންނޭ. އަސްކަރީ މީހުން ހަމަ މަދަނީ ހެދުމުގައި އުޅެފާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ކުރީ ސަރުކާރުން ނެރުނު ގަރާރު މި ސަރުކާރުން ބާތިލުނުކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އެގޮތުން އިންޑިއާ އައުޓްގެ ވާހަކަ ނުދެއްކޭނެ ގޮތަށް "އަނގަތައް ފަހާލާފައި" ކަމަށާއި އެކަމާ ގުޅޭ ހުރިހާ ހަރަކާތެއް ހުއްޓުވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން އެ ގަރާރާއި ގުޅޭ މައްސަލައެއް މަދަނީ ކޯޓުގައި އޮތްއިރު އެ މައްސަލަ އަވަސްކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން ނެރުނު ގަރާރު ބާތިލުކުރަން ވެސް މި ސަރުކާރުން މަސައްކަތް ނުކުރައްވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ގައުމީ ސަލާމަތުގެ މުހިއްމު ކަމަކަށް ވާތީ އެކަމަށް ޖަވާބު ދޭން ވެސް ސަރުކާރުން ބޭނުން ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.