މިފްކޯ އަށް މަސް ގަންނަ އަކު ދަށްކޮށްފި އެވެ.
ދައުލަތު މީޑިއާ ޕީއެސްއެމްގައި މިކަން ކަށަވަރުކޮށް ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ރޭ ވިދާޅުވީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާތަކެއް ކުރުމަށް ފަހު، މިހާރު ނިންމީ މަސް ކިލޯއެއް ގަންނަ އަގު 25.ރ. އިން 20ރ. އަށް ދަށްކުރަން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަސް ކިލޯއެއް 25ރ. ގެ ރޭޓުން ގަތުމުން މިފްކޯ އަށް ބޮޑު ގެއްލުމަކާ ކުރިމަތިވާތީ ކަމަށެވެ. އަދި މަސް ކިލޯއެއް 25ރ. އަށް ގަތުމަކީ ދަޢުލަތަށް މިހާރު ލިބޭ އާމްދަނީއާ އަޅާބަލާ އިރު، ސަރުކާރަކަށް ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސް ގަންނަ އަގު ކުރީގެ ސަރުކާރުން ބޮޑުކުރީ ސިޔާދީ ބޭނުމެއްގައި ކަމަށާއި އެކަން ވެސް މަސްވެރިން ވެސް ގަބޫލުކުރާ ކަމަށެވެ. މަސް ކިލޯއެއްގެ އަގު 17.ރ އިން 25ރ. އަށް ބޮޑުކުރީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތެރޭގަ އެވެ.
"މަސްވެރިން ވެސް އެބަބަލާ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތް. މަސްވެރިންނަށް ވެސް އެބަ އިނގޭ މިއަދު އަޅުގަނޑުމެން މަސް ބޭރުކުރާ ބާޒާރުގައި މި ހުރީ 22 ރުފިޔާ 40 ލާރިއަށްކަން. 25 ރުފިޔާއަށް ގަނެގެން 22 ލާރިއަށް ވިއްކުމުން ވެސް ގެއްލުން މި ވަނީ،" ޝިޔާމު ވިދާޅުވި އެވެ. "މިއީ އަދި މިފްކޯގެ އެއްވެސް އަގެއް ނުލާ. އެ އަގު ލީމަ މިފްކޯގެ ޚަރަދުތައް ހިމަނައިގެން މަސްކިލޯއަކުން 11 ރުފިޔާ ގެއްލުން އެބަވޭ."
އޭނަ ވިދާޅުވީ މަސް ކިލޯއެއް 25ރ. އަށް ގަންނަ ނަމަ ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި މިފްކޯ އަށް ގެއްލުންވާ 1.1 ބިލިޔަން ރުފިޔާ، ސަބްސިޑީގެ ގޮތުގައި ދަޢުލަތުން ދޭންޖެހޭ ކަމަށެވެ. އަދި މަސް ގަންނަ އަގު މުރާޖައާކުރުމުގެ އެއް ބޭނުމަކީ މިފްކޯ އަށް ލިބޭ މާލީ ގެއްލުން ކުޑަކުރުން ކަމަށެވެ.
ޝިޔާމު ވިދާޅުވީ މިފްކޯ އަށް ގެއްލުންވާ ނަމަ އޭގެ އެންމެ ބޮޑު އަސަރެއް ވެސް ކުރާނީ މަސްވެރިންނަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ މަސް ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމެވެ.