މިދިޔަ އަހަރު ކައިވެނިކުރި ޕާކިތާންސްގެ މަޝްހޫރު ބަތަލާ މާހިރާ ޚާން މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ 39 އަހަރުގެ ބަތަލާ ބަލިވެއިނުމާ ގުޅިގެން އޭނަ އަށް ދާދި ފަހުން އޮފާކުރި ދެ ޕްރޮޖެކްޓެއް ވެސް ދޫކޮށްލާފައިވާ ކަމަށެވެ. ޕާކިސްތާންގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާގެ ގޮތުގައި ފާހަގަކޮށްލެވޭ މާހިރާ އާއި ވިޔަފާވެރިއެއް ކަމަށްވާ ސަލީމް ކަރީމް ކައިވެނިކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ. މިއީ މާހިރާގެ ދެވަނަ ކައިވެންޏެވެ.
އޭނަގެ ކުރީގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. އެއީ މިހާރު 14 އަހަރުގެ އަޒްލާން އެވެ. މާހިރާ އާއި ކުރީގެ ފިރިމީހާ އަލީ އަސްގަރީ 2007 ގައި ކުރި ކައިވެނި ރޫޅައިލީ 2015 ގަ އެވެ.
"ހަމްސަފަރު" ފަދަ ކާމިޔާބު ސިލްސިލާތައް ކުޅެފައިވާ މާހިރާގެ އެންމެ ފަހުގެ ސިލްސިލާ އަކީ މިދިޔަ އަހަރުގެ "ރާޒިއާ" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އެވެ.
މާހިރާ އަކީ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ 2016 ގެ ފިލްމު "ރައީސް" ގެ ބަތަލާ ވެސް މެ އެވެ.