Last Updated: December 26, 18:55
Thursday, December 26, 2024
ޚަބަރު

މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބޭނެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައެވެ. ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރާނީ ކުރިމަތިލާ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކުރުމަށް ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ލިބުނު ނަތީޖާ ނުވަތަ އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ ސުޕަ މެޖޯރިޓީ ހޯދާފައެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންނަށް ސަރުކާރާ ދޭތެރޭގައި އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، މުޅި ދިވެހިރާއްޖޭންވެސް ރައްޔިތުންގެ ކަންބޮޑުވުން ފެންނަމުންދާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައި އޮޅުވާލައިގެން ކަމަށާއި، ސަރުކާރުގެ ދޮގުތައް މިހާރު ހާމަވަމުންދާކަމަށެވެ.

ފައްޔާޒް ވިދާޅުވީ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ބައެއް ނެތްނަމަ، ރައްޔިތުން ވަރަށް ނިކަމެތި ވެގެން ގޮސްދާނެ ކަމަށެވެ.