ކުޅެން އެއްބަސްވި ފިލްމެެއްގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިމިފައި ވަނިކޮށް، ސޮއިކޮށްފައި ހުރި އެހެން ފިލްމްތަކަށް ވަގުތު ދޭން ޖެހޭ ކަމަށް ބުނެ ފިލްމަކުން ވަކިވާން ބަތަލާ ޝްރޫތީ ހަސަން ނިންމުމާ ގުޅިގެން އޭނާ އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.
ސްޕަސްޓަ ކަމާލް ހާސަންގެ ދޮށީ އަންހެން ދަރިފުޅާ މެދު ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައި ވަނީ އޭނާ އެގްރިމަންޓާ ހިލާފުވެ، ޕްރޮޑަކްޝަން ހައުސް އަށް ފޫބުނެއްދޭ ވަރުގެ ގެއްލުމެއް ދިނުމާ ގުޅިގެން ކަމަށް، އެ ފިލްމު ޕްރޮޑިއުސް ކުރާ ޕިކްޗާ ހައުސް މިޑިއާ އިން ބުންޏެވެ.
އެ ކުންފުންޏާ އެކު ޝްރޫތީ ސޮއިކޮށްފައިވާ ފިލްމަކީ ތަމަޅަ އަދި ތެލެގޫ ބަހުން އުފައްދާ ފިލްމެކެވެ. އޭނާ އާ އެކު އެ ފިލްމުގައި ބަތަލުންގެ ރޯލް ކުޅެނީ ނާގްރުޖުނާ އާއި ވަމްސީ ޕައިޑިޕައްލީ އެވެ.
ޕިކްޗާ ހައުސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ އެ ފިލްމުގެ ބޮޑު ބައެއްް ޝޫޓްކޮށްފައި ވަނިކޮށް ތާރީހުގެ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ބުނެ، ޝްރޫތީ ފިލްމުން ވަކި ވުމަކީ އެ ކުންފުންޏަށް ވަގުތުގެ ގޮތުންނާއި މާލީ ގޮތުން ވެސް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"އޭނާ އާ އެކު އަހަރެމެން އެގްރިމަންޓް ހެދީ ވެސް އޭނާ އަށް ވަގުތު ދެވެން އޮތް އެންމެ ފަސޭހައަކަށް ވަގުތު ދެވޭނެ ކަމަށް އެއްބަސްވެގެން ވަރަށް ރަނގަޅަށް ވާހަކަ ވެސް ދެއްކުމަށް ފަހު އެވެ. ފިލްމުގެ ފުރަތަމަ ޝެޑިއުލް މިހާރު މި ވަނީ އެއްްކޮށް ނިމިފަ އެވެ. އެކަމަކު ކުއްލިއަކަށް އަހަރެމެންނަށް ޝްރޫތީ ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ތާރީހުގެ މައްސަލަތަކަށް ނިކުންނާތީ ފިލްމުން ވަކިވާން ބޭނުން ކަމަށެވެ،" ޕިކްޗާ ހައުސްގެ ބަޔާނުގައިވެ އެވެ.
އެހެންވެ އެ ކުންފުނިން މިހާރު ނިންމާފައި ވަނީ ޝްރޫތީގެ ފަރާތުން ފެނުނު ޕްރޮފެޝަނަލްކަން ކުޑަ އަމަލާ ގުޅިގެން، އޭނާ އާ މެދު ޖިނާއީ އަދި މަދަނީ މައްސަލައެއް ކޯޓްގައި ފައިލް ކުރާށެވެ.
އަދި މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ޝްރޫތީ އަށް އެއްވެސް އިތުރު ފިލްމަކަށް ސޮއި ނުކުރެވޭނެ އަމުރަކަށް ވެސް ކޯޓްގައި އެދެން ޕިކްޗާ ހައުސް އިން ވަނީ ނިންމައިފަ އެވެ.
ފިލްމް "ލަކް" އިން 2009 ގައި ބޮލީވުޑަށް ޝްރޫތީ ނިކުތް ނަމަވެސް، މިހާތަނަށް ބޮލީވުޑްގައި މާ ބޮޑު ކާމިޔާބީއެއް އޭނާ އަށް ލިބިފައެއް ނުވެ އެވެ. ޝްރޫތީ ބޮޑަށް މަޝްހޫރީ ވެސް ސައުތު ފިލްމް އިންޑަސްޓްރީގަ އެވެ.
އެކަމަކު ފާހަގަކޮށްލެވޭ އޭނާގެ ހިންދީ ދެ ފިލްމެއް ކުރިއަށް އެބަ އޮތެވެ. އެއީ އަކްޝޭ ކުމާރާ އެކު ކުޅޭ "ގައްބަރު" އާއި ޖޯން އަބްރަހަމްގެ އިތުރުން ބޮޑު ކާސްޓެއް ހިމެނޭ "ވެލްކަމް ބެކް" އެވެ.
އެކްޓް ކުރުމުގެ އިތުރުން ލަވަ ވެސް ކިޔާ ޝްރޫތީ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ނިކިލް އަދްވާނީގެ "ޑީ ޑޭ" އާއި ޕްރަބޫދޭވާގެ "ރަމަޔާވަސްތާވަޔާ" ހިމެނެ އެވެ.
ޝްރޫތީ އެންމެ ފަހުން ފެނުނީ އަރުޖުން ކަޕޫރާއި ސޮނާކްޝީ ސިންހާ ލީޑް ރޯލް ކުޅުނު "ތޭވަރު" ގެ އައިޓަމް ލަވައަކުންނެވެ. އެ ލަވައިގެ އަންހެން އަޑުގެ ވެރިޔަކީ ވެސް ޒުވާން ބަތަލާ އެވެ.