ޑައިރެކްޓަރު/ޕްރޮޑިއުސަރު ސިދާތު އާނަންދުގެ ޕްރޮޑަކްޝަން ހައުސް، މާފްލިކްސް އިން ސައިފް އަލީ ޚާނާ އެކީ ހަދަން ނިންމާފައިވާ އެކްޝަން ތުރިލާގެ ނަމަކީ "ޖުވެލް ތީފް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އެ ނަން ރަޖިސްޓްރީކޮށް، މިހާރު ފިލްމުގެ ޝޫޓިން ވެސް އޮތީ ފަށާފައިވާ ކަމަށެވެ.
ހިންދީ ސިނަމާ އިން ކުރިން ވެސް "ޖުވެލް ތީފް" ގެ ނަމުގައި ވަރަށް ކާމިޔާބު ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ދޭވް އާނަންދު ކުޅުނު 1967 ގެ ސްޕައި ހެއިސްޓް ތުރިލާއެކެވެ. ކާސްޓްގައި ވިޖަންތިމާލާ އާއި އަޝޯކް ކުމާރުގެ އިތުރުން ތަނޫޖާ ވެސް ހިމެނޭ "ޖުވެލް ތީފް" ގެ ޑައިރެކްޓަރަކީ ވިޖޭ އާނަންދެވެ.
ނަމަވެސް ސިދާތު ޕްރޮޑިއުސްކުރާ "ޖުވެލް ތީފް" އާއި ކުރީގެ ފިލްމާ އެއްވެސް ގުޅުމެއް ނެތެވެ.
ޖޯން އަބްރަހަމްގެ 2019 ގެ ރޯމިއޯ އަކްބަރު ވޯލްޓާ "ރޯ" ގެނެސްދިން ޑައިރެކްޓަރު ރޮބީ ގަރެވާލް ޑައިރެކްޓްކުރާ "ޖުވެލް ތީފް" ގެ ކާސްޓްގައި ޖައިދީޕް އަހްލުވާތު ވެސް ހިމެނެ އެވެ.
މި ފިލްމާ ބެހޭ ގޮތުން ސިދާތު ބުނީ މިއީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ އެއްޗެއް ކަމަށާއި އަމާޒަކީ މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ފިލްމު ގެނެސްދިނުން ކަމަށެވެ. ސިދާތުގެ މާފްލިކްސްގެ ފުރަތަމަ މިދިޔަ މަހު ރިލީޒްކުރި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ "ފައިޓާ" އެވެ.
ސިދާތު ޕްރޮޑިއުސްކުރާ ފިލްމެއް ސައިފް ކުޅޭ އިރު، އޭނަ ޑައިރެކްޓްކުރި ދެ ފިލްމެއް ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ކުޅެފައިެވ އެވެ. އެއީ 2005 ގެ "ސަލާމް ނަމަސްތޭ" އާއި 2007 ގެ "ތަރަ ރަމް ޕަމް" އެވެ.
ސައިފްގެ ކުރިއަށް އޮތް ފިލްމަކީ އެޕްރީލަށް ތާވަލުކޮށްފައި އޮތް "ދެވާރާ: ޕާޓް 1" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އާދިޕުރުޝް" އެވެ.