ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލޯމް ސައްލެ) ގެ މައްޗަށް އިތުރުބާ ނެތްކަމުގެ ވޯޓް ނަގަން ހުށަހެޅި މައްސަލަ ބާތިލުވެއްޖެ އެވެ.
އެ މައްސަލަ ބާތިލުވީ މައްސަލަ ހުށަހެޅި ބައެއް މެންބަރުން ސޮއި އަނބުރާ ގެންދެވުމާ ގުޅިގެންނެވެ. މައްސަލަ ހުށަހެޅީ ޕީއެންސީ/ޕީޕީއެމަށް ނިސްބަތްވާ މެންބަރުންނާ އެކީ ޖުމްލަ 23 މެމްބަރެއްގެ ސޮޔާ އެކީ މިދިޔަ މަހުގެ 28 ގަ އެވެ. ކޯލިޝަންގެ އިތުރުން އެ ބޭފުޅުން ވަކިކުރަން ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހިމެނިވަޑައިގަނެ އެވެ.
މައްސަލަ ބާތިލުވި އިރު، އަސްލަމާއި ސައްލެ މި މަހުގެ 4 ގައި އޮތީ ނޯޓިސް ވެސް ފޮނުވައިފަ އެވެ.
މަޖލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ މި ވަގުތު ކުރިޔަށް ގެންދަން ބޭނުން ނުވާ ކަމަށް ސަރުކާރު ކޯލިޝަނުން މަޖިލީހަށް އެންގީ އިއްޔެ އެވެ. އެގޮތަށް އެންގީ 13 މެމްބަރެއްގެ ސޮޔާއި އެކު ފޮނުވި ސިޓީއަކުންނެވެ.
ސޮއި ގެންދެވި މެންބަރުން:
1. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
2. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
3. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު
4. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް
5. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
6. އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
7. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު
8. މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
9. މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
10. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
11. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް
12. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް
13. ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީއިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ ގުޅިގެން އެކު މަޖިލީހުގައި މިދިޔަ މަހުގެ ފަހުކޮޅު ހަމަ ނުޖެހުންތަކުގެ ތެރެއިންނެވެ.