ކުރިއަށް އޮތް ރައްޔިތުންގެ މަޖިޅިހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުވެސް އެދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޓިކެޓު އެމްޑީޕީން އަތުލި މައްސަލަ ޖާބިރު ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ޖާބިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވާފައިވަނީ ޓިކެޓު އަތުލުމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން އެދިފަ އެވެ. އަދި ކާށިދޫ ދާއިރާގެ ޓިކެޓް މިހާރު އެމްޑީޕީން ފަހުން އަރުވާފައިވާ ކުރީ ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އަންޑަ ސެކެޓްރީގެ މަގާމު އަދާކުރެއްވި އަބްދުﷲ ނަސީރުގެ ޓިކެޓު ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެދިފައެވެ.
ޖާބިރު އެމްޑީޕީން ވަކިކޮށް ޕްރައިމަރީ ޓިކެޓު އަތުލީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ޖާބިރުގެ މައްސަލައެއް ބެލުމަށް ފަހުއެވެެ.
ޖާބިރަށް ފިޔަވަޅު އަޅަން ނިންމީ މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ޖާބިރު ތަކުރާރުކޮށް އަމަލުކުރަމުންދާތީ، މިކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ ޢަމަލެއް ކަމަށްވާތީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ ބެލުމަށް ފަހު އެވެ.
ޖާބިރުގެ ޓިކެޓް އެމްޑީޕީން އަތުލި މައްސަލައިގައި އެ ޕާޓީގެ އިސްތިއުނާފަށް އެކަން ހުށަހަޅާފައި އޮއްވައި އެމްޑީޕީން ވަނީ ޓިކެޓް އެހެން ކެންޑިޑޭޓަކަށް ދީފަ އެވެ. އެއީ ގާނޫނީ ވަކީލު އަބްދުﷲ ނަސީރަށެވެ. އޭނަ އަކީ މި މަހު 3 ގައި ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި ކެންޑިޑޭޓެކެވެ. ގދ. ގައްދު އަށް ނިސްބަތްވާ ނަސީރާ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ކާމިޔާބު ކުރެއްވީ އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.