މީގެ 15 އަހަރު ކުރިން ބެލުންތެރިންނާ ހަމައަށް ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެއް ކަމަށްވާ "ދަޅްކަން" ގެ ސީކްއެލްއެއް ހަދާ ވާހަކަ ދައްކާތާ މިހާރު ދޮޅު އަހަރެއްހާ ދުވަސްވެއްޖެ އެވެ.
އެ ފިލްމާ ބެހޭ ގޮތުން އޮތް އެންމެ ފަހުގެ ހަބަރަކީ "ދަޅްކަން 2" ގެ ސްކްރީންޕްލޭގެ މަަސައްކަތް ކުރިއަށްދާ ވާހަކަ އެވެ.
ހަމަ މިއާ އެކު އޮތް އުފާވެރި އަދި ހައިރާންވާ ކަހަލަ ހަބަރަކީ އެ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ވަރަށް ޒުވާން އަންހެން ކުއްޖެއް ކަމަށެވެ.
އެއީ ބޮލީވުޑްގައި މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ކަމަށްވާ އާލިއާ ބަޓްގެ އެއްބަނޑު އެއްބަފާ ދައްތަ ޝާހީން ބަޓެވެ.
ޝާހީން "ދަޅްކަން 2" ގެ ސްކްރީންޕްލޭ ލިޔަމުން އަންނަނީ ޑައިރެކްޓަރު ވިކްރަމް ބަޓްގެ ބެލުމުގެ ދަށުންނެވެ. އެކަން ވިކްރަމް ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އާންމުކޮށް ބިރުވެރި އިލެމަންޓްތަކާ އެކު، ލޯބީގެ ފިލްމްތައް އުފެއްދުމަށް މަޝްހޫރު ވިކްރަމް ބުނީ "ދަޅްކަން" ގެ ސީކްއެލްއެއް ހަދަން ހިޔާލު އައުމާ އެކު، އެންމެ ފުރަތަމަ ވެސް ވިސްނީ ޒުވާން ކުއްޖެއްގެ ހިޔާލާ އެއްގޮތަށް ފިލްމުގެ ވާހަކަ ކުރިއަށް ގެންދަން ކަމަށެވެ.
އެގޮތުން އެ މަސައްކަޓް ޝާހީން އާ ހަވާލު ކުރަން ނިންމި ނިންމުމަކީ، އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއްކަން ޝާހީން ސާބިތުކޮށް ދީފައިވާ ކަމަށް ވިކްރަމް ބުންޏެވެ.
"އަހަރެން އުންމީދު ކުރި ވަރަށް ވުރެ ވެސް މާ ފުރިހަމަ އަށް ޝާހީން އަންނަނީ ދަޅްކަން 2 ގެ ސީންތައް އަތުރަމުން. މި މަސައްކަތް އޭނާ އާ ހަވާލު ކުރަން ނިންމި ނިންމުމަކީ އަހަންނަށް ނިންމުމު ވަރަށް ރަނގަޅު ނިންމުމެއް،" ރާޒް ފްރެންޗައިޒް އާއި ހޯންޓެޑް ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ވިކްރަމް ބުންޏެވެ.
އޭނާ ބުނީ ޝާހީން "ދަޅްކަން 2" ގެ ސްކްރީންޕްލޭ ނިންމިހާ އަވަހަކަށް، އޭނާ އެ ފިލްމް ޑައިރެކްޓް ކުރާނެ ކަމަށެވެ.
ތިނެސްކަން ލޯބީގެ ހާދިސާތަކެއް ދައްކުވައި ދިން "ދަޅްކަން" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަކްޝޭ ކުމާރާއި ޝިލްޕާ ޝެޓީގެ އިތުރުން ސްނިލް ޝެޓީ އެވެ.
ވަރަށް ހިތްގައިމު ލަވަތަކެއް ވެސް ހިމެނޭ އެ ފިލްމް ޑައިރެކްޓް ކުރޯ ދަރްމޭޝް ދަރްޝަން އެވެ.
އެހެން ނަމަވެސް "ދަޅްކަން 2" އަށް ނަގަން ހަމަޖެހިފައި ވަނީ މުޅިން އާ ކާސްޓެކެވެ.