ރަޖިސްޓްރީނުކޮށް ހިންގަމުންދާ އަދި ދޮގު ޚަބަރު ފަތުރާ ކަމަށް ބުނެ ތިން އޮންލައިން ނޫހަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓުތަކަކީ ވެސް މީޑިއާ ކަމަށެވެ. އަދި އެ މީޑިއާތައް މޮނިޓާކޮށް ބެލެހެއްޓުމުގެ ޒިންމާ ވެސް އެ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްއެމްސީން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ތިން ސައިޓެއްގެ މައްސަލަ ބޮޑުވެ، ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެ ތިން ސައިޓަކީ ދާދި ފަހުން ސަރުކާރުން ބްލޮކް ވެސް ކުރި އެކަމަކު ފަހުން އިޔާދަކޮށް ދިން ސައިޓްތައް ކަމަށްވާ
ދިޔަވަރު. ކޮމް އާއި ކުރުސީ.ކޮމްގެ އިތުރުން ދޮންއަމާ.ކޮމް އެވެ.
އެމްއެމްސީން ބުނީ އެ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދުގި މައުލޫމާތު ފަތުރަމުންދާ އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާތީ ބެލި އިރު، އެ ތިން ވެބްސައިޓުގައި ވެސް އެފަދަ ޚަބަރުތައް ގެނެސްދީފައިވާ ކަމަށެވެ.
އެހެންވެ އެކަން މިހާރު އަންނަނީ އިތުރަށް ބަލަމުންނެވެ.
އެމްއެމްސީން ބުނި ގޮތުގައި ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ އެ ކައުންސިލްގެ ގިނަ މެންބަރުން ކަންބޮޑުވާ ކަމެކެވެ. އެހެންވެ ރަޖިސްޓްރީނުކުރާ މީޑިއާތަކުގެ މައްސަލަ ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކަމާ ގުޅޭ އުސޫލެއް އެކުލަވައިލަން ވެސް ވަނީ ނިންމައި ފައެވެ.
"މީޑިއާތަކާއި ކަމާ ގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ހިޔާލާއެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން." ބަޔާނުގައި ބުންޏެވެ.
އެމްއެމްސީން ބުނީ ވަނީ ހިޔާލުފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާއިރު، އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ނުފަތުރަން އިލްތިމާސްކޮށް، ތަކުރާރުކޮށް ހަގީގަތާ ހިލާފު ވާހަކަތައް ޝާއިއުކުރާ ނަމަ، ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ.