އަައްޑޫގައި އައްސޭރި ޓޫރިޒަމަށް މާސްޓަޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.
ފަސް އަހަރަށް ހަދާ މި ޕްލޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ ޑރ. ސިމާދު ސައީދުގެ ސީޑީއީ ކޮންސަލްޓިންއާ އެވެ. އެގޮތުން އެތަނުގެ ފަރާތުން މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް، މާސްޓަޕްލޭނާ ގުޅޭ ގޮތުން މަޝްވަރާތަކެއް ވެސްކޮށްފަ އެވެ.
ސީޕްލޭން ހަބަކާ އެކީ އައްޑޫގައި އައްސޭރި ޓޫރިޒަމް ތަރައްގީކުރާނެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 5 ގައި ދެއްވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވެ އެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމްގެ ތެރެއިން އައްޑު އަށް އައްސޭރި ޓޫރިޒަމް ތައާރަފުކުރަން ސަރުކާރުން މަސައްކަތްކުރާ އިރު، އައްޑޫ ހަންކެޑެ އަކީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ. މިދިޔަ ސަރުކާރުން ހަންކެޑެ ޕްރޮޖެކްޓް ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ.
ހަންކެޑެ އަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެމްސީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެތަން ތަރައްގީ ކުރަން ނިންމާފައި އޮތީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.