ދެކުނު ރީޖަން އަށް ހާއްސަކޮށްގެން އައްޑޫ މަރަދޫގައި ހަދަމުން އަންނަ ކަސްޓަމްސް ސައުތު ރީޖަން ހެޑް އޮފީހުގެ މަސައްކަތްތައް ނިމުމަކާ ގާތަށް އަތުވެއްޖެ އެވެ.
މަރަދޫ ބަނދަރު ސަރަހައްދުގައި ތިން ބުރިއަށް ހަދާފައިވާ މި އޮފީހުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިން މަސައްކަތްތަކެވެ. ތަފާތު ޑިޒައިނަކަށް އިމާރާތްކޮށްފައިވާ ކަސްޓަމްސްގެ މި އޮފީސް އިމާރާތުގެ ސަބަބުން މަރަދޫގެ މަލަމައްޗަށް ވެސް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކަސްޓަމްސްގެ މި އޮފީސް އިމާރާތުގެ އަނެއް ކަންމަތީގައި ޒަމާނީ މިސްކިތެއް ވެސް ބިނާކުރަމުން އަންނަކަމެވެ. އެއީ ސަރުކާރުން ބިނާކުރާ މިސްކިތެވެ.
ކަސްޓަމްސް ސައުތު ރީޖަން ހެޑް އޮފީހުގެ މަސައްކަތްތައް ނިމުމަކާ ގާތަށް އައިސްފައިވާ އިރު، މި ތަނުގެ ބިންގާ އެޅީ ޖެނުއަރީ 21، 2022 ގަ އެވެ. ބިންގާ އެޅުއްވީ އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި އައްޑޫ މޭޔަރު ޢަލީ ނިޒާރުގެ އިތުރުން އޭރު ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.
މި އޮފީސް އިމާރާތްކޮށްފައި ވަނީ ކައުންސިލުން ހަމަޖައްސައި ދިން 12,000 އަކަފޫޓުގެ ބިމެއްގަ އެވެ.