ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކަމަށާއި އަބަދުވެސް ޗެލެންޗް އޮތީ ސަރުކާރުގެ މާލީ ހާލަތުގައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު އޮތް ގޮންޖެހުންތައް ހަމައަކަށް އެޅުވުމަށްޓަކައި ބައިލެޓަރަލް ރިލޭޝަންތައް ދަމަހައްޓާ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތައް ހައްލު ކުރެވެން ޖެހޭނެ ކަމަށެވެ.
"އަދި އައިއެމްއެފް [އިންޓަނޭޝަނަލް މަނިޓަރީ ފަންޑް] ގެ ފްރޮގްރާމަކަށް ނުގޮސްވާން ވާނެ. [އެއަށް] ދާން ޖެހޭނީ ކަންކުރުމުގެ ވައްޓަފާޅި ނެތް ނަމަ." ފައްޔާޒް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު. އަބަދުވެސް ޗެލެންޗް އޮތީ ސަރުކާރުގެ މާލީ ހާލަތުގަ. ބައިލެޓަރަލް ރިލޭޝަންތައް ދަމަހައްޓާ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތައް ހައްލުކުރެވެންވާނެ. އައިއެމްއެފް ގެ ފްރޮގްރާމަކަށް ނުގޮސްވާންވާނެ. ދާންޖެހޭނީ ކަންކުރުމުގެ ވައްޓަފާޅިނެއްނަމަ. https://t.co/Lzjjfr2oar
— Fayyaz Ismail (@faya_i) February 16, 2024
އޭނަ މިގޮތަށް ވިދާޅުވީ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އޭގައި މިނިސްޓަރު ވިދާޅުވެފައި އޮތީ ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލަން ފިލައި ތިބެ ބަޔަކު މަސައްކަތްކުރާ ކަމަށެވެ.
"[އެކަން ކުރަނީ އެ މީހުން] އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން،" މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ. އިގުތިސާދީ ހާލަތު އައްނަނީ ކުރިން ލަފާކުރި ވަރަށް ވުރެ ވެސް ބާރަށް ރަނގަޅުވަމުން."