ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިދިޔަ ހަފުތާގައި އައްޑު އަށް ވަޑައިގެންފައި ވަނިކޮށް ޖަޕާންގެ ސަފީރު ޓަކޫޗީ މިޑޯރީ ވެސް އައްޑު އަށް ވަޑައިގެންފި އެވެ.
ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރުގެ މި ދަތުރަކީ ތިން ދުވަހުގެ ދަތުރެކެވެ. ސަފީރުގެ މި ދަތުރުގެ ތެރެއިން އިއްޔެ އައްޑޫގެ އެކިއެކި ޕޮލިސް ސްޓޭޝަންތަކަށް ވެސް ޒިޔާރަތްކުރައްވާފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ސަފީރު ބައްދަލު ކުރައްވައި، ތާރީހީ ގޮތުން އައްޑޫގެ ހާއްސަ ތަންތަން ބައްލަވާލެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އިންޑިއާ ސަފީރު އައްޑު އަށް ކުރެއްވި ދަތުރުގައި އައްޑޫގައި އެ ގައުމުގެ އެހީގައި ހިންގަމުން އަންނަ މަގު ހެދުމުގެ މަޝްރޫއާއި ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވައި އިންޑިއާގެ އެހީގައި ހެދި އައްޑޫ ޕޮލިސް ކޮލެޖާއި ހުޅުމީދޫ ވިލުނު ސެންޓަރަށް ވެސް ޒިޔާރަތްކުރެއްވި އެވެ.
ސަފީރު އައްޑޫ ކައުންސިލާ ވެސް ބައްދަލުކުރެއްވި އެވެ.
އިންޑިއާ އާއި ޖަޕާނަކީ އެކިއެކި ގޮތުން ރާއްޖެ އިން ވަރަށް ބޮޑަށް އެހީވަމުން އަންނަ ދެ ގައުމެވެ.