ކްލައިމެޓް ވަލްނަރަބުލް ފޯރަމް (ސީވީއެފް) ގައި ހިމެނޭ ގައުމެއް ދަރަނިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން މިހާރު ދެކެވެމުން އަންނަ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ސީވީއެފްގެ މިހާރުގެ ސެކްރެޓީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސީވީއެފް ގައުމުތަކަށް، ސީވީއެފް ވީ20 ސެކްރެޓޭރިއަޓުން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ. އެހެންވެ ކާބަން ޓްރޭޑިން ފަދަ ދަރަނި ކުޑަކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް މަގާމުގެ ހައިސިއްޔަތުން މިހާރު ގާނާގައި ދިރިއުޅުއްވަމުން ގެބްދަވާ ނަޝީދު ވިދާޅުވި އެވެ.
CVF countries need not go into IMF programs to overcome debt distress. The CVF-V20 Secretariat will facilitate technical support for member countries to identify opportunities to reduce debt, such as debt-for-climate & environment swaps and carbon trading. @TheCVF
— Mohamed Nasheed (@MohamedNasheed) February 17, 2024
ދެހާސް ނުވައެއްގައި އުފެދުނު ސީވީއެފްގައި މިހާރު 68 ގައުމެއް ހިމެނެ އެވެ.
ރާއްޖޭގެ މާލީ ހާތަލާ މެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަށައިފައިވާ އިގުތިސާދީ އަދި މާލީ އިސްލާހުތަކަށް ހުރަސް އެޅުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށެވެ.
އަދި އިއްޔެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމާ މެދު އިތުބާރު ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި މިއީ ސަރުކާރުން ގެންނަން މަސައްކަތް ކުރާ ފިސްކަލް ރިފޯމް މަސައްކަތަށް ހުރަސްއެޅުމަށް ކުރަމުންދާ ކަމެއް ކަމަށާއި މި ސަރުކާރަށް ވާރުތަވެފައިވާ މާލީ ދަތިތަކާ އެކު ވެސް ރާއްޖޭގެ އިގުތިސޯދީ ދުވެލި ހީކުރި ވަރަށް ވުރެ ރަނގަޅު ކަމަށް މާލީ އިދާރާތަކުން ބުނެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ވަނީ ރާއްޖޭގެ އިގުތިސޯދާ މެދު އިތުބާރު ހޯދަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.