ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑު އަށް ވަޑައިގެންފި އެވެ.
އެ މަނިކުފާނަށް މަރުހަބާ ކިޔަން ގަން އެއާޕޯޓަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާ ވެސް ވެފައިވެ އެވެ. އެ މީހުންނާ ރައީސް މިހާރު ގެންދަވަނީ ސަލާން ކުރައްވަމުންނެވެ. އެއާޕޯޓުން ރައީސަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ އައްޑޫ މޭޔަރު އަލީ ނިޒާރެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ދެވަނަ ދަތުރުގައި މިއަދު އައްޑު އަށް ވަޑައިގެން އައްޑޫގެ ރައްޔިތުންނާއި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރަން ހަމަޖެހިފައިވެ އެވެ.
އަދި މިރޭ ހިތަދޫ ރައްޔިތުންނާ އެކީ ހާއްސަ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވެ އެވެ. އައްޑޫ ހައި ސްކޫލްގައި ބާއްވާ އެ ޖަލްސާގައި ހިތަދު އާއި ހުޅުމީދުއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިނާއި ސާވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވެ އެވެ.
ރައީސްގެ މި ދަތުރުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ފަސް ދުވަހަށް ރައީސް މިއަދު ދެކުނުގެ އަތޮޅުތަކަށް ފެއްޓެވި ދަތުރުގެ ތެރެއިން ފުވައްމުލަކާއި ހުވަދު އަތޮޅަށް ވެސް ވަޑައިގަންނަވާނެ އެވެ.