މަސްވެރިން އިހްތިޖާޖުކޮށް ޕެރެޝަރު ސަރުކާރަށް ކުރިއަސް މާޗު މަހުގެ 5 ވަަނ ދުވަހުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވޭނެ ކަމަށް ފިޝަރިޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅޫވެއްޖެއެވެ.
އާދީއްތަ ދުވަހު ގއ. ކޫއްޑޫގައި ދެކުނުގެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާގެ ބައިވެރިންނާއި މުހާޠަވބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ 280 މިލިއަން ރުފިޔާގެ ބެކްލޮގެއް އެބައޮތްކަމަށެވެ. އަދި އެފައިސާ މަސްވެރިންނަށް ދިނުމަށް ސަރުކާރުން ކަންތައްތަކެއް ރާވަމުންދާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. އަދި އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ބޭރުން ލޯނެއް ހޯއްދެވުމުގެ މަސައްކަތް މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ރައީސް މުއިއްޒު ފައްޓަވާފައިވާ ކަަމަށާއި، ފައިސާ އަންނަ މާޗު 5 ވަނަ ދުވަހު ދެއްވާނެކަމަށެވެ.
ޝިޔާމް ވިދާޅުވީ މިއަދު މަސްވެރިންގެ ޕްރަޝަރާއި ހެދި ފައިސާ މިއަދުން މިއަދަށްދޭން އެއްބަސް ނުވެވޭނެކަމަށެވެ. އަދި މަސްވެރިންނަށް ދޭން މިވަގުތު ސަރުކާރުގައި ފައިސާ ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މިވަގުތު މިއީ އުނދަގޫ ވަގުތުކޮޅެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއިރު މަސްވެރިންނަށް ގެނައި ތަސައްވުރާ އެކީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުއިއްޒުގެ މި ފަސް އަހަރުގައި އަޅުގަނޑުމެން ދާނީ. މަސްވެެރި އާއިލާތަކަށް ނިކަމެތިކަމެއް ނާންނާނެ،" މަސްވެރިންނާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ. "ހަމަ ކުޑަ ވަގުތުކޮޅެއް އަޅުގަނޑުމެންނަށް ދެއްވާށޭ އަޅުގަނޑު މި ދަންނަަވަނީ." ޝިޔާމް ވިދާޅުވުއެވެ.
ޝިޔާމް ވިދަޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ހަފްތާއިން ހަފްތާއަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ހުރިގޮތުން ފައިސާ އަދި ހަމަ ނުޖެހޭ ކަމަށެވެ.
މަސްވެރިން އިއްޔެ ހެނދުނުއްސުރެ ކޫއްޑޫގައި މުޒާހަރާ ކޮށްފައިވަނީ ފާއިތުވި ދެމަސް ދުވަހު މަސްވެެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބުމާއި ގުޅުގެންނެވެ. މަސްވެރިން ބުނީ ސަރުކާރުން އެތައް ތާރީހުތަކެއް މިހާރުވެސް ދީފައިވާ ކަމަށެވެ. ނަމަވެސް ފައިސާ އަދިވެސް ނިލިބޭ ކަމަށް މަސްވެރިން ވަނީ ބުނެފައެވެ.