އައްޑޫ ސިޓީ ކައުންސިލް އޮންނާނީ ރައީސް ޑރ. މުހައްމަދު ސަރުކާރާ އެކީގައި ކަމަށާއި ސަރުކާރަށް ބޭންވާ ހުރިހާ އެހީތެރިކަމަކާއި ކަމަކާއި އެއްބާރުލުމެއް އެ ކައުންސިލުން ދޭނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރައީސް އައްޑު އަށް އިއްޔެ ފެއްޓެވި ދަތުރުގެ ތެރެއިން މިހާރު ހުޅުމީދޫގައި ކުރިއަށްދާ ޖަލްސާގައި ނިޒާރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެންމެ ރަނގަޅަށް ހިނގާނީ ވެސް ކައުންސިލްތަކުން ސަރުކާރާ އެކީ މަސައްކަތްކޮށްގެން ކަމަށެވެ. އެހެންވެ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ވެސް އެކަމަށް ގޮވައިލައްވާ ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މި ސަރުކާރު މިހާތަނަށް ފާހަގަ ކުރެވުނީ ކައުންސިލްތަކާ މަޝްވަރާކޮށް، ހިޔާލު ހޯދައިގެން ކަންކަން ނިންމާ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ އައްޑޫ ކައުންސިލާއި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ބޭނުން ވަނީ އައްޑު އަށް ތަރައްގީ އާއި ކުރިއެރުން ގެނެސް އިގުތިސާދީ ގޮތުން ވަރުގަދަ ތަނަކަށް ހެދުމަށެވެ. އެހެންވެ އެކަމަށްޓަކައި ސަރުކާރުން ކުރާ ކޮންމެ ކަމެއް ކައުންސިލް އެއްބާރުލުން އޮންނާނެ ކަމަށާއި ރައްޔިތުން ވެސް ސަރުކާރާ އެކީ ތިބުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި މި ސަރުކާރުން އައްޑޫގައި ބްރިޖް އެޅުން ފަދަ ބޮޑު މަޝްރޫއެއް، ރައީސް މުއިއްޒުގެ ވެރިކަމުގެ މިހާ ކުރީކޮޅުގައި ކުރިއަށް ގެންދިއުމަކީ ބަލައިގަންނަން ޖެހޭ ވަރުގެ ކަމެކެވެ. އަދި އެއީ އައްޑޫގެ ތަރައްގީ އާއި ކުރިމަގާ ގުޅިފައިވާ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި މަޝްރޫއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އައްޑޫގެ ތަރައްގީގެ ކުރިއެރުމުގެ ފެށުން. އަދި އައްޑުއާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލުކޮށްލާނެ މަޝްރޫއެއް." މޭޔަރު ވިދާޅުވި އެވެ.