އައްޑޫ ފޭދޫން ގޯތި ލިބުނު މީހުންގެ މެދުގައި ބާއްވާ ގުރުލުން މިރޭ އޮންނާނެ ކަމަށް އަވަށު އޮފީހުން ބުނެފި އެވެ.
ގުރުލުން ފަށާނީ މިރޭ 8:00 ގައި ފޭދޫ ސްކޫލްގަ އެވެ. އަވަށު އޮފީހުން ބުނީ ގުރުލުން އޮންނަ ސަރަހައްދަށް ވަދެވޭނީ ގޯތި ލިބުނު މީހުންނަށް ނުވަތަ ބަދަލުގައި އަންނަ މީހުންނަށް އެކަނި ކަމަށެވެ.
ފޭދޫ ގޯތި ގުރުލުން ފުރަަތަމަ ބާއްވަން ނިންމީ އިއްޔެ އެވެ. އެގޮތުން އިއްޔެ މެންދުރު ފަހު 2:30 އަށް ތާވަލުކުރި ގުރުލުން ފަހުން ރޭ 8:00 އަށް ބަދަލުކުރި އެވެ. ނަމަވެސް ފަހުން މިރެއަށް ބަދަލުކުރީ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޭދު އާއި ހިތަދޫ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުން ފޭދޫ ސްކޫލްގައި ބާއްވާ ގޮތަށް ހަމަޖެއްސުމާ ގުޅިގެންނެވެ.
ފޭދު އަކީ މިދިޔަ އަހަރުގެ ކުރީކޮޅު އައްޑޫން ގޯތި ދޭން ނިންމި ހަތަރު އަވަށުގެ ތެރެއިން ހިތަދޫ ފިޔަވައި އެންމެ ގިނަ ގޯތި ދޭން ނިންމި އަވަށެވެ. އެ އަވަށުން 300 ގޯއްޗަށް ހުޅުވައިލި އެވެ.
ފޭދޫގެ އިތުރުން ގޯތި ދޭން ދެން ނިންމީ ހިތަދު އާއި މީދޫގެ އިތުރުން ހުޅުދޫންނެވެ. އެގޮތުން ޖުމްލަ 1،000 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ހިތަދޫން 500 ގޯއްޗާއި މީދު އާއި ހުޅުދޫން ކޮންމެ އަވަށުން 100 ގޯއްޗެވެ. އެ އަވަށްތަކުގެ ގުރުލުން ވަނީ ބާއްވައިފަ އެވެ.