އެމްޑީޕީގެ ރައީސް ކަމަށް ވަޑައިގަންނަވަން ކުރީގެ ފޮރިން މިނިސްޓަރު ފޯމު ހުށަހަޅުއްވައިފި އެވެ.
އޭނަ އެ މަގާމަށް ކުރިމަތިލައްވަން ނިންމެވިކަން އިއުލާންކުރެއްވީ އިއްޔެ އެވެ.
ޝާހިދު ވިދާޅުވީ އައު ފޯރިޔަކާއި ޖޯޝަކާ އެކީ ކު، އާ ބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަންވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުން މިހާރު ފެންނަން އޮތް ކަމަށެވެ. އެހެންވެ ޕާޓީގެ މެމްބަރުން އޭނަ ރައީސް ކަމަށް ގެންނަން ތާއީދުކޮށް ދެއްވުމަށް އެދިވަޑައިގަތެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ މާދަމަ އެވެ. ނަމަވެސް ޝާހިދު ފިޔަވައި އިތުރު ބޭފުޅަޚު މިހާތަނަށް އެ މަގާމަށް ކުރިމަތިލާން ހުށަހެއްނާޅަ އެވެ. އެހެންވެ ވޯޓަކަށް ނުގޮސް ޝާހިދަށް މަގާމު ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު މިދިޔަ އަހަރު އެ ޕާޓީން ވަކިވެ ވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީ ގޮތުން ޕާޓީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސައިފަ އެވެ.