Last Updated: December 30, 20:36
Monday, December 30, 2024
ޚަބަރު

ގާކޮށީގެ ޕާކިންޒޯނުން ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވަނީ

ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވާލުމަށް ނިންމާފައިވާކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވުމަށް ނިންމާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލުހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

ފަހުމީ ވިދާޅުވީ މި ހަފްތާ ނިމުމުގެ ކުރިން އެތަން ހުސްކޮށް އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

"ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ޚިދުމަތުގެ ބައިވެރިޔާއަށްވާއިރު، މި ކުންފުންޏަކީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ގިނަކަންކަމަށް ދަނީ ހައްލުހޯދައިދެމުން." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން ސްޓެލްކޯއިން ވަނީ މާވެޔޮ މިސްކިތްކައިރީ މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިހުރި ޓްރާންސްފޯމަރުވެސް އެހެން ސަރަހައްދަކަށް ބަދަލުކޮށްފައެވެ.