ދޭންޖެހޭ ފައިސާ ނުދެނީސް މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުންދާ އިހުތިޖާޖަށް ހުއްޓާލުމެއް ނޯންނާނެ ކަމަށް އައްޑޫގެ މަސްވެރިން ބުނެފި އެވެ.
އިއްޔެ އިން ފެށިގެން ކުރަމުންދާ އިހުތިޖާޖުގައި އައްޑޫގެ އެކި އަވަށްތަކަށް ނިސްބަތްވާ މަސްވެރިންނާއި މަސްދޯނިތައް ބައިވެރިވަމުންނެވެ. އެގޮތުން މަސްވެރިން ވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އެއްވެ، އެތަނުގެ އޮޕަރޭޝަން ހުއްޓުވާފަ އެވެ.
އެ އިހުތިޖާޖުގައި ބައިވެރިވަމުންދާ ކެޔޮޅަކު ބުނީ މަސްވެރިން އިހުތިޖާޖަށް ނިކުންނަން ޖެހުނީ ފާއިތުވި ދެ މަސް ދުވަހު ލިބެންޖެހޭ ފައިސާ ނުލިބޭތީ ހައްގު ހޯދުމަށް ކަމަށާއި ފައިސާ ނުލިބެނީސް އިހުތިޖާޖަށް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
"ވީހާވެސް އަވަހަކަށް ފައިސާ ހަމަޖައްސައިދީ. ދޭނަމާ، އަންނާނަމޭ އެއީ ގަބޫލުކުރާނެ ވާހަކައެއް ނޫން،" ކެޔޮޅު ބުންޏެވެ.
މަސްވެރިން އިހުތިޖާޖު ކުރި ނަމަވެސް ތަނަށް ގެއްލުންދީ އަނިޔާވެރި ނުވާނެ ކަމަށާއި މަސްވެރިން ނިކުމެ ތިބީ ހައްގުތައް ހޯދުމަށް ކަމަށްވެސް އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގައި މިހާރުވެސް 6 ވަރަކަށް ދޯނި ދަނީ ބައިވެރިވަމުންނެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުވައި އެ ތަނުގައިވެސް މަސްވެރިން ދަނީ މުޒަހަރާ ކުރަމުންނެވެ. މި މުޒާހަރާގައި ބައިވެރިވާ މަސްވެރިންނާއި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ބައްދަލުކޮށްފައިވާއިރު އަންނަ މަހުގެ 5 ގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ހަލާސްކޮށް ނިންމާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
ފައިސާ ނުލިބި ލަސްވަމުންދާތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާއިރު މިކަން ހައްލުކުރަން މިފްކޯއިން ލޯނެއް ނަގައިގެން ވެސް މަސްވެރިނަށް ފައިސާ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.