ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގުކުރުން ލަސްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. މި ކުއްލި މައްސަލަ ބަލައިގަނެފައިވަނީ 23 މެންބަރުންގެ ވޯޓުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 1 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.
ވަހީދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާހުގެނެސް ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމަށް ފޮނުވާފައިވާތާ ހަފްތާއަކަށްވުރެއް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެހެންނަމަވެސް މި ބިލު ތަސްދީގުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް އިންތިހާބު އޮންނާނީ މާޗް 17 ވަނަ ދުވަހުކަމަށް ރައީސް މުއިއްޒު އައްޑޫސިޓީގައި ވިދާޅުވިކަން ފާހަގަކުރައްވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ބިލު ތަސްދީގުނުކޮށް މަޖިލީހަށް އަނބުރާ ފޮނުވާ ނުލައްވާ، ވަގުތު ބޭކާރުކޮށް ބިލު ހިފަހައްޓަވައިގެން ހުންނަވަނީ ސަރުކާރުން ބޭނުންވާގޮތަށް މާޗް 17 ގައި އިންތިހާބު ބޭއްވުމަށް ކަމަށް ބެލެވޭ ކަމަށެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންތިހާބު ފަސްކުރުމަށް ޤާނޫނު އިސްލާހުކުރީ ރޯދަ މަހު އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކަށް ހަލެއް ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް ބިލު ތަސްދީގު ނުކޮށް ހުންނެވުމުން އަދި މަޖިލީހުގެ އިންތިހާބު އޮންނާނެ ތާރީހަކާމެދު އޮޅުންބޮޅުން އަރާފަދަ ހާލަތެއްގައި ރައްޔިތުން ތިބޭންޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ބިލު ވީއެންމެ އަވަހަކަށް ތަސްދީގު ކުރުމަށް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ.