ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުރާ ދައުވާތައް އެ ޤާނޫނުގައި ބުނާ މުއްދަތުގައި ނިންމައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ސިޓީ ފޮނުވަން ފަށައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ތޫނު ހަތިޔާރު ޤާނޫނުއަކީ މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް، ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް، ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި، މީސްމީހުންނަށް ބިރުދައްކައި، އިންޒާރުދީ ހެދުމާއި، މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ޤާނޫނެއް ކަމަށެވެ.
މި ޤާނޫނުގައި މުއްދަތުތަކެއް ކަނޑައަޅާފައިވާކަން ފާހަގަކޮށް ޕީޖީން ބުނެފައިވަނީ މިބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިނަމަ، 15 ދުވަހުގެ ތެރޭގައި، އެމީހެއްގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ފުލުހުންނަށް ލާޒިމުވާ ކަމަށެވެ. އަދި ތަހުޤީޤު ނިމިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭތާ 15 ދުވަހުގެ ތެރޭގައި، އެމައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަންވެސް ޕީޖީގެ މައްޗަށް ޤާނޫނު ލާޒިމުކުރާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ތޫނު ހަތިޔާރު ޤާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީހުން ފެށީގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ހުކުމެއް ކުރަންވާނެކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުން ފެށިގެން، ތޫނު ހަތިޔާރު ޤާނޫނުގެ ދަށުން ދައުވާކުރާ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއްގައި ހުކުމެއް ކުރަން ޤާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން، ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި، އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށައިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި މީގެ ބޭނުމަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުން ކަމަށްވެސް ބުނެފައިވެއެވެ.