ރާއްޖެ މިދަނީ ފަރަށް އަރަން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގައި ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަން އޮތީ މިސްރާބު އޮޅިފައި އޮތްތަން ކަމަށާއި، ރާއްޖޭގެ މިސްރާބު ފާލުން ނެއްޓި ކައްސާލާފައިވާ ކަމަށެވެ.
"މިހާރު މިދަނީ ސީދާ ފަރަށް އަރަން،" ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރަކީ ދޮގު ދޮލަނގެއް ބޮލަށް ލައިގެން އައި ބައެއް ކަމަށާއި ތިމަރަފުށީ ދާއިރާގައި އަނެއްކާވެސް އެ ދޮލަނގު ބޮލަށްލައިގެން ހިންގަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓު ހުއްޓާ ސަރުކާރާއި ރައީސްގެ ތާއީދާއެކު އަމިއްލަގޮތުން އެ ދާއިރާއަށް ކެންޑިޑޭޓަކު ނެރެގެން އުޅޭކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"ދެ މީހުން ދޮލަނގަށް ލައިގެން ނިކުމެވަޑައިގެން މި ވިދާޅުވަނީ ދާއިރާގެ ރައްޔިތުން ކައިރީގައި ވޯޓު ދޭށޭ. މާތްކަލާކޯ ތިޔަ ބޭފުޅުން ވިސްނާވަޑައިގަންނަވާ، މި ބޭފުޅުން ދައްކަވާ ވާހަކަތައް އިތުރަށް ދެން ގަބޫލުނުކުރައްވާ. އެ އޮތީ ފަޅާ އަރާފައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ އެމްޑީޕީން އައު ޖޯޝަކާއި އައު ބާރެއްގައި މަޖިލިސް 20 ބޮޑުކޮށް ނަގައި ރާއްޖެ މިހާރު ހިފާފައިވާ މިސްރާބު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.