Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

ކެޑޭޓް އިންސްޓްރަކްޓަ ކޯސް ނިންމާލައިފި

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ އިންސްޓްރަކްޓަރުން ތަމްރީނުކުރުމަށް ސިފައިން ހިންގި "ކެޑޭޓް އިންސްޓްރަކްޓަ ކޮލިފިކޭޝަން ކޯސް 1-24" ނިމިއްޖެ އެވެ.

މި މަހުގެ 11-22 އަށް ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި ކޯހުގައި ރާއްޖޭގެ އެކި ހިސާބުތަކުން 33 ކެޑޭޓަކު ބައިވެރިވި އެވެ.

ކޯސް ނިންމަން އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ފައިނޭންޝަލް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމެންޓްގެ އެޗްއޯޑީ، މޭޖަ މުޙައްމަދު ނާސިރެވެ.

މި ކޯހަކީ، އެމްއެންސީސީގެ ފަރާތުން ސްކޫލުތަކުގައި ޤާބިލުކަމާއެކު މަސައްކަތްކުރާ ކެޑޭޓް އިންސްޓްރަކްޓަރުން ތައްޔާރުކުރުމަށް އެމްއެންޑީއެފާއި އެމްއެންސީސީ ގުޅިގެން ހިންގި ކޯހެކެވެ. މި ކޯހުގެ ތަމްރީނުތަކުގައި ކިޔަވައި ދިނީ ސިފައިންގެ އިންސްޓްރަކްޓަރުންނެވެ. މި ތަމްރީނުގެ ސަބަބުން، ކެޑޭޓް އިންސްޓްރަކްޓަރުންގެ ލީޑަޝިޕް ހުނަރު އިތުރުވެ، ދަށު ރޭންކުތަކުގެ ކެޑޭޓުންނަށް މެންޓަރކޮށް މަގުދައްކައިދިނުމުގެ ޤާބިލުކަން ކެޑޭޓް އިންސްޓްރަކްޓަރުންގެ ކިބައިގައި ތަރައްޤީވެގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޯހުން އެއްވަނަ ހާސިލުކޮށްފައި ވަނީ، ކެޑޭޓް އިންސްޓްރަކްޓަ މުޙައްމަދު ނަޒީހް އަހުމަދެވެ. އަދި، ކެޑޭޓް އިންސްޓްރަކްޓަ، މުޙައްމަދު އަލޫޙް އަޙްމަދު ކޯހުން ދެވަނަ ހާސިލުކުރި އިރު، ކޯހުން ތިންވަނަ ހާސިލުކުރީ ކެޑޭޓް އިންސްޓްރަކްޓަ، ޢަލީ ރަޖަބް އެވެ.

ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ފުޓް ޑްރިލް، ރައިފަލް ޑްރިލް، ކޭން ޑްރިލް، ފްލެގް ޑްރިލްގެ އިތުރުން ފިޒިކަލް ފިޓްނަސް އަދި ސްވިމިން ހިމެނެއެވެ.