މިހާރުގެ ރައްޔިތުންގެ މަޖުލީހުން ސަރުކާރަށް ކުރަނީ ޖެއްސުން ކަމަށާއި ދެން ވެސް ހޮވާނީ އެފަދަ މަޖިލީހެއްތޯއާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އިސްވެރިންނާ ސުވާލުކޮށް ޖަވާބު ހޯދަން ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ ދެވަނަ ފޯރަމްގައި ރޭ ރައީސް ބައިވެރިވެވަޑައިގެން އާންމުންގެ މީހަކު ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. ނަމަވެސް މި ސަރުކާރަން ތިން މަހެއްހާ ދުވަސްވީ އިރު. މިހާރު މަޖިލީހުގެ ތެރެއިން ފެނިގެން ދަނީ ސަރުކާރަށް ޖެއްސުން ކުރުން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް އަސާސެއް ނެތި ވެސް ސަރުކާރުގެ އެކި ކަންކަމަށް އަދި ހިންގަން ތިބި އެކި މީހުންނަށް އެކި ކަހަލަ ކަންކަން ކުރިމަތި ކުރެވޭ ގޮތަށް ބާރުތަކެއް އޮތް މަޖިލީހެއް އެއީ މިވަގުތު ނިޒާމު އޮތް ގޮތް" ރައީސް ވިދާޅުވި އެވެ. "ވަޒީރުންނަށް ރުހުން ނުދިމާއި ރައީސް އަޒުލު ކުރުމާއި ނޫނީ އެހެނިހެން ކަންކަން ކުރުމާއި ސަރުކާރަށް ދުއްތުރާ ކުރަން ކަންކަން އެއްވެސް އަސާސެއް ނެތި [އެ ކުރަނީ.]" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަން ހިންގުމަށް ފުރުސަތު ނުދެވޭ ނިޒާމެއްގެ ތެރެއިން މަޖިލިސް ހިންގަން އޮތް އޮތުމަށް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާ އިރު ރައްޔިތުން މިކަމާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މަޖިލިސް ބައްޓަން ކުރާނީ ސަރުކާރަށް ކަންކަން ފަހިވާ ގޮތަށްތޯ ނޫންތޯ ނިންމާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރަށް މަޖިލިސް ލިބުން މުހިއްމެވެ.