ތަޖުރިބާ ހޯދުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޝީޝާގެ ކުންފުނީގެ ޓީމެއް ވިއެޓްނާމުގެ ހަނޯއީގައި ހުންނަ ހޮންޑާ ކުންފުނީގެ މައި އޮފީހަށް ޒިޔާރަތް ކޮށްފިއެވެ.
ހޮންޑާ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަމަށްވާ ޝީޝާގެ ޓީމެއް ވިއެޓްނާމަށް ގޮސްފައިވަނީ ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މި ދަތުރުގައި ޝީޝާގެ ފަރާތުން މާލެ ސެންޓަރ މެނޭޖަރ އަދި ސާވިސް ސެންޓަރުގެ ޗީފް މެކޭނިކް ވަނީ ބައިވެރިވެފައެވެ.
މި ދަތުރާއި ގުޅޭގޮތުން ޝީޝާ ކުންފުނީގެ ޑިވެލޮޕްމެންޓް އެންޑް ސާވިސް މެނޭޖަރ މައިހާ އަހުމަދު ދަތުރު ނިންމަވާލައްވައި ވިދާޅުވީ، މި ދަތުރުން ދަސްވި ގިނަކަންކަން ރާއްޖޭގައި ތަންފީޒު ކުރަން ބޭނުންވާ ކަމަށެވެ.
" އަޅުގަނޑުމެން އަސްލު މިހާރު ބޭނުންވަނީ މިކޮޅުން އަޅުގަނޑުމެންނަށް ދަސްވި އެއްޗެހި މާލެއަށް ގޮސްފައި އިމްޕްލިމެންޓް ކުރަން. އޭގެ ސަބަބުން އަޅުގަނޑުމެން ޕީރިއޯޑިކް ސާވިސް މެއިންޓެނެންސްވެސް މިހާރު ކުރާ ގޮތަށްވުރެ މާ ރަނގަޅަށް އަޅުގަނޑުމެންނަށް ކުރެވޭނެ. އައު ޓެކްނޮލޮޖީއާއި އައު ސްޓޭންޑާޑްތައް އަޅުގަނޑުމެން ތަންފީޒު ކުރާނަން " މައިހާ ވިދާޅުވިއެވެ.
މީގެ އިތުރުން ހޮންޑާ ކުންފުނީގެ ސްޕެއަރ ޑިޕާޓްމެންޓާއި ގުޅިގެން މިހާރަށް ވުރެ ރަނގަޅަށް ސްޕެއަރގެ ކަންކަންވެސް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ޝީޝާއިން ވަނީ ހާމަކޮށްފައެވެ.
މި ދަތުރުގައި ވިއެޓްނާމުގެ ހަނޯއީގައި ހުންނަ ހޮންޑާ ކުންފުނީގެ މައި އޮފީހަށް ޒިޔާރަތް ކުރުމުގެ އިތުރުން ހޮންޑާ ކުންފުނީގެ ފަސް ޑީލަރަކަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މި ޑީލާރ ތަކަކީ ހަނޯއީ އަދި ބަކް ނިން ޕްރޮވިންސްގައި ހުރި ޑީލަރޝިޕް ތަކެއް ކަމަށް ޝީޝާއިން ބުނެއެވެ. މީގެ އިތުރުން އެ ޓީމުން ވަނީ ހޮންޑާ ކުންފުނީގެ ފެކްޓަރީއަށްވެސް ޒިޔާރަތްކޮށްފައެވެ.
ޝީޝާ ކުންފުނިން ބުނީ މި ދަތުރާއެކު ހޮންޑާ ކުންފުނީގެ ޑީލާޝިޕްތަކާއި އަދި ކުންފުނި ގުޅިގެން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ދިނުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އޮޕަރޭޝަންތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރެވި ކަސްޓަމަރުން ހިތްހަމަ ޖެހޭ ގޮތަށް އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.