މިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތައް ފެއިލްވެއްޖެކަން ރައްޔިތުން އޮތީ ގަބޫލުކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. ބާރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުންދާނަމަ އިދިކޮޅު ފަރާތްތައް ދައްކާނެ ވާހަކަ އަޑުއަހާނެ ބަޔަކު ރާއްޖޭގައި ނުތިބޭނެކަން އެ ފަރާތްތަކަށް އިނގޭ ކަމަށާއި އަދި ރިޔާސީ އިންތިހާބުގައި ވެސް އިދިކޮޅު ފަރާތްތައް ފެއިލްވެފައި ތިބިކަން ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށެވެ.
"އަދި އިތުރަށް އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީގައި މިގޮތަށް އަދާކުރަމުންދާ ނަމަ ރައްޔިތުން ތިމަންނަމެންނަށް ބަލައެއް ނުލާނެއޭ. އަޅުގަނޑަށް ސިފަވަނީ އެގޮތަށް ކަންކަން ކުރަމުންދާތަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެސް ރައްޔިތުން ހެޔޮ ގޮތް ނިންމި ކަމަށާއި އެ ނިންމުމާ އެއްގޮތަށް އެމަނިކުފާނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމަލުކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތީ ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ކަމަށާއި އެ ދުވަސްތައް ރައްޔިތުންނާ ހަމައަށް އަންނާނެކަން އެނގޭތީ އެކަމަށް ހުރަސް އަޅަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރައްޔިތުންގެ އަތް މައްޗަށް އަންނަ ގައުމީ މުހިއްމު ދަނޑިވަޅެއް ކަމަށާއި ވިސްނުންތެރިކަމާ އެކީ ކަންކަން ނިންމުން ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ސަރުކާރުން ސާބިތުކަމާއެކީ ކުރިއަށްދާން ތިބިއިރު މިކަންކަމަށް ރައްޔިތުންގެ އެއްބާރުލުން ވެސް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.