ސްޓެލްކޯގެ ބޯޑް ބައްދަލުވުމެއް މުޅިން އަލަށް މާލޭގައި ހުންނަ ހެޑް އޮފީހުން ބޭރުގައި ބާއްވައިފި އެވެ.
އެ ކުންފުނިން ރޭ ބުނީ ތާރީހީ ބޯޑު ބައްދަލުވުން އިއްޔެ ބޭއްވީ ކ. ހިންމަފުށީގައި ކަމަށެވެ.
ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކުންފުނިން ބުނި ގޮތުގައި މިއީ މާލެ އާއި އަތޮޅުތެރެއާ ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން އަދި އަދި ކުންފުނިން ޚިދުމަތް ދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާ ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ހިންމަފުށީގައި ބޭއްވި ބޯޑު ބައްދަލުވުމުގައި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ޗެއާމަން މުޙައްމަދު ލަޠީފާއި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހިންމަފުށީގައި ބޯޑު ބައްދަލުވުން ބޭއްވުމުގެ އިތުރަށް ކުންފުނީގެ ވެރިން ވަނީ ކ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައި ސްޓެލްކޯގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށްރަށުގައި މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކޮށް ސްޓެލްކޯގެ ޚިދުމަތް އިތުރަށް ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކޮށްފަ އެވެ.