ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ ސެލެބްރިޓީ، ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) ބޯޓެއްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ނާކާމިޔާބީއާ ކުރިމަތިލާމް ޖެހިއްޖެ އެވެ.
ކޯޓުން އެ މައްސަލާގައި ހުކުމްކުރީ ކައިޒީންގެ ބައްޕަގެ ބޯޓެއް ކަމަށެވެ. ބައްޕައާ ދެކޮޅަށް އޭނަ ސިވިލް ކޯޓްގައި ދައުވާކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ކައިޒީން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނަ ބޯޓެއް ގަންނަން ބައްޕަ އިބްރާހީމް އަލިފުޅަށް 3.6 މިލިއަން ރުފިޔާ ހަވާލުކުރި ކަމަށާއި ރުހުމަކާ ނުލައި އެ ބޯޓު ރަޖިސްޓްރީކޮށްފައި ވަ ބައްޕަގެ ނަމުގައި ކަމަށެވެ. އެހެންވެ އޭގެ ރަޖިސްޓްރީ އޭނަގެ ނަމަށް ބަދަލުކުރުމަށް އެދޭ ކަމަށް ކައިޒީންގެ ދައުވާގައި ބުންޏެެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، ހެކީންގެ ހެކިބަހަށް ބަލާއިރު އެ 3.6 މިލިއަން ރުފިޔާ ކައިޒީން ބައްޕައަށް ދިން ގޮތާއި އަދަދުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށާއި އަދި ހެކީންގެ ހެކިބަހަށް ބަލާއިރު އެ ބޯޓަކީ ކައިޒީން ބައްޕައަށް ފައިސާ ދީގެން ގަތް ބޯޓެއްކަން ވެސް ސާބިތު ނުވާ ކަމަށެވެ.
އެހެންވެ އެ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.
ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތެއް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ކުރިން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.