ކުރިން ނިންމާފައި އޮތް ގޮތަށް ރޯދަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ސަރުކާރާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދެން ދައްކާނެ އެއްވެސް ހުއްޖަތެއް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބުނެފި އެެެވެ.
ރޯދަމަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް، އިންތިހާބާ ބެހޭ އާންމު ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް މިއަދު ފާސްކުރީ އެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވުމާ ގުޅިގެންނެވެ.
ބިލު ފާސްކުރި މިއަދުގެ ޖަލްސާ އަށް ފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕްގެ ލީޑަރު، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މަޖިލީހުން އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމުން، ތަސްދީގު ނުކުރައްވަން ރައީސް ދައްކަވާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިހާރު ފެންމަތިވެގެން އުޅޭ މައްސަލައެއް ސާފު ހައްލެއް، ގާނޫނީ އިމުގެ ތެރެއިން ލިބިގެން ދިޔަ ތަން." އޭނަ ވިދާޅުވި އެވެ.
ބިގޭ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ތިންބާރު ވަކިވެފައި އޮންނަ އިރު އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވާތީ ކަންބޮޑުވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ އިންތިހާބު ރޯދައިގެ ފަހަށް ލަސްކުރުމާ މެދު ރައްޔިތުންގެ އަޑު މިއަދު އިއްވައިފި ކަމަށެވެ. އެހެންވެ މަޖިލީހަށް އަނބުރާ ފޮނުވައިލައްވާ ބިލެއް ދެވަނަ ފަހަރަށް ފާސްކުރުމުން ތަސްދީގު ނުކުރެއްވުމަކީ ރައީސްގެ އިހުތިޔާރެއް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީ ވަރަށް ސާފު [އެކަމުގައި]. އަޅުގަނޑުމެން މިއުއްމީދުކުރަނީ ރައީސުލް ޖުމްހޫރިއްޔާ އިހުތިރާމްކުރައްވާނެ ކަމަށް." ހިސާން ވިދާޅުވި އެެވެ.
ހިސާން ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވައިލެއްވުމުން ދެވަނަ ފަހަރަށް ފާސްކުރާ ހާލަތުގައި ތަސްދީގުކުރައްވަން ލާޒިމުކޮށް ގާނޫނު އަސާސީގައި އޮންނަ މާއްދާ ސުޕްރީމް ކޯޓުން އޮތީ މީގެ އަހަރުތަކެއް ކުރިން މާނަކޮށްފަ އެވެ.
އޭނާ އެ އިޝާރާތްކުރެއްވީ ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ފުނަދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި އިރު 2010 ވަނަ އަހަރު ސުޕްރީމްކޯޓަށް ހުށަހެޅުއްވި މައްސަލާގައި ނެރުއްވި ރޫލިން އަށެވެ.
"[އެ ރޫލިންގައި އޮތް ގޮތުން] އިންސާނީ ބާރު ނުހިނގާ ކަމެއް ދިމާ ނުވާ ނަމަ ލަސްކުރުމެއް ނެތި ރައީސުލް ޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރައްވަން ޖެހިވަޑައިގަންނަވާ،" ހިސާން ވިދާޅުވި އެވެ.
އިތުރު އެއްވެސް ބަދަލެއް ނުގެނެސް ކުރިން އެ ބިލު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރީ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި 47 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ.