Last Updated: November 22, 05:51
Friday, November 22, 2024
ޚަބަރު

ސްމާޓް ގޭޓާއެކު ފަސިންޖަރުން އަވަހަށް ކްލިއަވާނެ

ކޮމިޝަނަރ ޖެނެއަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު / ފޮޓޯ: އެމްއޭސީއެލް

މިއަދު ތަޢާރަފް ކުރެވެނު ސްމާޓް ގޭޓާއި އެކު ފަސިންޖަރުން ކްލިއަރ ކުރުމުގެ ކަންކަން ފަސޭހަވެ އަވަސް ވެގެންދާނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ މަސައްކަތް އިތުރަށް ފަސޭހަ ކުރުމަށް، ވެލާނާ އެއާޕޯޓުގައި މިއަދު ވަނީ ސްމާޓް ގޭޓު ތަޢާރަފް ކޮށްފައެވެ. މި ޚިދުމަތް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސް ކޮމިޝަނަރ ޖެނެރަލް މާނިއު ވިދާޅުވީ މީގެ ސަބަބުން ޚިދުމަތް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އޭނާ ވަނީ މީގެ ކުރިން ވަރަށް ބޮޑަށް މެނުއަލްކޮށް ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެން ވީމަ މިކަމުގެ ސަބަބުން ވަރަށް ބޮޑު ޚަރަދެއް އަދި އިންސާނީ ވަސީލަތްވެސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

" މިހާރު ސްމާޓް ޓެކް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް އެލާމެއް އަންނާނެ ސްމާޓް ގޭޓުން އަޅުގަނޑުމެން ޗެކް ކުރަން ޖެހޭ އެއްޗެއް ކަމަށް ވަންޏާ. އެހެންވީމަ ވަރަށް ފަސޭހަގޮތަކަށް މި އެއްޗެހި އެބަ ޗެކް ކުރެވޭ. ވަރަށް ޓައިމްވެސް އެބަ ސޭވް ވޭ. މީގެ އިތުރުން ޕެސެންޖާސްއާއި އިންޓަވީން ނުވެ މިކަން އެބަ ކުރެވޭ. އޭގެ މާނައަކީ އަވަސް ގޮތެއްގައި ކްލިއަރ ވެގެންދާނެއޭ ޕެސެންޖާސް. " މާނިއު ވިދާޅިވިއެވެ.

މީގެ އިތުރުން މީގެ ސަބަބުން ކުރިމަގުގައިވެސް ތޮއް ޖެހުމުގެ ކަންކަން މެނޭޖް ކުރެވޭނެ ގޮތަކަށް މީގެ ސަބަބުން އިންތިޒާމުވެގެން އަންނާނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މިވަގުތު ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގޭޖް ސްކޭންކުރަމުންދާއިރު އިތުރަށް ބަލަންޖެހޭ ލަގޭޖްތަކުގައި ރަތް ސްޓިކަރ ހަރުކުރެވި، "ރެޑް ޗެނަލް" އިން ލަގޭޖްތައް ހުޅުވައި، އިތުރަށް ބަލާފާސްކުރަމުންގެންދެއެވެ.

ސްމާގް ގޭޓް ޚިދުމަތާއިއެކު، ކުރިން ބޭނުންކުރަމުންއައި ރަތް ސްޓިކަރގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ "ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރް.އެފް.އައި.ޑީ) ޓެގް" އެވެ. އެހެންކަމުން މިޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ވަޑައިގެން ކަސްޓަމްސް ކްލިއަރަންސް ހޯއްދަވަންވާނެއެވެ. އަދި ކަސްޓަމްސް ކްލިއަރަންސް ފުރިހަމަނުކޮށް ނިކުންނެވުމަކީ ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ ޚިލާފްކަމެކެވެ.

މިގޮތަށް ނިކުންނަވަން މަސައްކަތްކުރައްވާ ދަތުރުވެރިންގެ ލަގޭޖް ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެެއެވެ. މީގެ އިތުރުން، މިޚިދުމަތާއި އެކު ގްރީން ޗެނަލްއިން ކްލިއަރަންސް ލިބެންޖެހޭ ދަތުރުވެރިންގެ ކްލިއަރަންސް ޕްރޮސެސް އިތުރަށް އަވަސްވެ އެއްވެސް ހުރަހެއް ނެތި، ފުރިހަމަކުރެވިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.