Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފަށަނީ

އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން އިއުލާންކުރެއްވީ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރޭ ނ. މަނަދޫ ރައްޔިތުންނާ އެކީ ބޭއްބި ބައްދަލުވުމުގަ އެވެ.

ރައީސް ވިދާޅުވީ ނެޝަނަލް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.

"އޭރުން އޮންނާނީ ފުލްޓައިމްކޮށް މޯލްޑިވިއަން އިން އޮޕަރޭޓްކުރާ އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް،" ރައީސް ވިދާޅުވި އެވެ. "ކޮންމެ ތަނަކުން، ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ކުއްލި ހާލަތުގައި އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ ބޯޓެއް."

އެ ހިދުމަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އާއި ހެލްތު މިނިސްޓްރީއާ ދެމެދު އިއްޔެ ވަނީ އެއްބަސްބުމުގައި ސޮއި ވެސް ކޮށްފަ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުން ކުރަން ހަމަޖެހިފައިވާ ބޯޓްގެ ތައްޔާރީތައް އިއްޔެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައްލަވާފައިވެ އެވެ.