ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މުޅިން ވެސް ފެންނަނީ ގާނޫނު އަސާސީ އަށް ގޮންޖަހަމުންދާތަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމުން ވެސް ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން ބިލަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ނިންމަވާފަ އެވެ. ރައީސް އެގޮތަށް ނިންމެވީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާ ގުޅިގެންނެވެ.
"އަށްޑިހަ މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނޭ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި." ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގު ކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމް ވަރަށް ސާފު ކަމަށާއި މި ހުކުމަކީ ޕީޕީއެމް/ޕީއޭ/ޕީއެންސީ ނިސްބަތްވާ ފަރާތަކުން ހުށަހެޅުއްވި މައްސަލައެއްގެ ހުކުމް ކަމަށެވެ.
"މުޅިންވެސް މި ފެންނަނީ ގާނުނު އަސާސީ އަށް އިހުތިރާމް ކުރުމެއް ނެތި ގޮންޖައްސަވާތަން. ކުރިމަގު ބަނަ،" ފައްޔާޒު ވިދާޅުވި އެވެ.
ގާނޫނު އަސާސީ އަދި ސުޕްރީމް ކޯޓުގެ ހުކުން ވަރަށް ތަފްސީލު އަދި ސާފު. މި ހުކުމަކީ ޕީޕީއެމް/ޕީއޭ/ޕީއެންސީ ނިސްބަތްވާ ފަރާތަކުން ހުށަހެޅުއްވި މައްސަލައެއްގެ ހުކުމް. މުޅިންވެސް މި ފެންނަނީ ގާނުނު އަސާސީ އަށް އިހުތިރާމް ކުރުމެއްނެތި ގޮންޖައްސަވާތަން. ކުރިމަގު ބަނަ https://t.co/hBiYRUB5xV pic.twitter.com/Xqhz5Xf1H0
— Fayyaz Ismail (@faya_i) February 29, 2024
ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ބުނެފައިވަނީ، މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާމެދު ވިސްނުމަށް އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވިދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ ކަމަށްވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. މަޖިލީހުން ފާސްކޮށްފައިވަނީ 10 ދުވަހަށްފަހު އިންތިހާބު ބޭއްވުމަށެވެ.