އަންނަ އަހަރުން ފެށިގެން ތެލަސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދޭން ނިންމައިފި އެވެ.
މިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ އެ މަނިކުފާނު ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ގަ އެވެ.
ނ. މަނަދޫ، މާރިނދަ، ވަސްމާ ޔޫސުފް ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ޢިނާޔަތް ދިނުމަށް މި އަހަރުގެ ބަޖެޓް ފާސްކުރިއިރު ހިމަނާފައި ނެތް ކަމަށެވެ. އެކަމަކު އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިގެން ތެލެސީމިއާ ކުދިންނަށް އިނާޔަތް ދެއްވުމަށް ގަސްތުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ޖަވާބު
29 ފެބްރުވަރީ 2024ނ.މަނަދޫ، މާރިނދަ، ވަސްމާ ޔޫސުފް، ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އަތޮޅުތަކުން ފަހިކޮށްދޭން އެދޭ ބައެއް ޚިދުމަތްތަކާމެދު، އަދި ތެލެސީމިއާ ކުދީންނަށް އިނާޔަތެއް ދިނުމާމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/BaWzgLjAyZ
— Government of Maldives (@governmentmv) February 29, 2024
"[އެހެންވީމަ] އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން [އިނާޔަތް] ދޭން ފަށަން ގަސްތުކުރަނީ." ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ފަސް އަހަރުގެ ތެރޭގައި ތެލަސީމިއާ ބަލީގެ 50 ކުއްޖަކަށް ބޯންމެރޯޓްރާންސްޕްލާންޓް ހަދައިދޭން ވެސް ނިންމައިގަ އެވެ. އެއީ އަހަރަކު 10 ކުދިންނަށެވެ. އަދި އެކަމަށް ޒަކާތު ފަންޑުން އެހީވާނެ އެވެ. މީގެ އިތުރުން ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ހަދަން ވެސް ވަނީ ނިންމައިފަ އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބުނީ އެތަނުގެ މަސައްކަތ ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.