އެޕްރީލް މަހަށް ފަސްކުރި ރައްޔިތުންގެ މަޖިލިސް އިންތިހާބު މިހާރު ސަރުކާރުގެ ރަސްމީ ދުވަހެއްގައި ބާއްވަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން މިހާރު ނިންމާފައި އޮތީ އެޕްރީލް މަހުގެ 21 ވާ އާދީއްތަ ދުވަހު އެވެ. ކުރިން އިންތިހާބު ބާއްވަން ތާވަލުކުރި ތާރީހަކީ މި މަހުގެ 17 އެވެ. އެއީ ވެސް އާދީއްތަ ދުވަހެކެވެ. އީސީން ބުނެފައި ވަނީ އެޕްރީލް 21 އަށް އިންތިހާބު ތާވަލުކުރީ ގާނޫނުގައި ބުނާ ތާރީހުތަކަށް ކަންކަން ފެއްތުމުން މަޖިލިސް އިންތިހާބު އެންމެ އަވަހަށް ބޭއްވޭނީ އެ ތާރީހުގައި ކަމަށްޗާތީ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް އިންތިހާބުތައް ބާއްވަމުން އައިސްފައި ވަނީ ރަސްމީ ބަންދު ދުވަހެއް ކަމަށްވާ ހޮނިހިރު ދުވަހު އެވެ.
ނަމަވެސް 20 ވަނަ މަޖިލިސް އިންތިހާބު ރަސްމީ ދުވަހެއްގައި ބާއްވަން ނިންމުމުން އެކަމުގައި ސަރުކާރުގެ ނުފޫޒެއް އޮތް ކަމަށް އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ތުހުމަތު ކުރެއްވި އެވެ.
އިބޫ ވިދާޅުވީ ރަސްމީ ބަންދު ދުވަސްތަކުގައި އިންތިހާބުތައް ބާއްވަނީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ފުރުސަތު ގިނަ ބަޔަކަށް ހޯދައިދޭން ކަމަށެވެ. ނަމަވެސް އިންތިހާބު ސަރުކާރު ރަސްމީ ދުވަހެއްގައި ބާއްވަން ނިންމީ ސަރުކާރުން އެގޮތަށް ބޭނުންވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ދަންނަވާލަން ބޭނުންވަނީ އެ ބާރުގައި، އެ ނުފޫޒުގައި ޖެހިވަޑައިނުގަންނަވާށޭ. ތިޔަބޭފުޅުންނަކީ މިނިވަން މުއައްސަސާއެކޭ. ރައްޔިތުންނަށް ފަސޭހައިން ވޯޓުލެވޭ ގޮތަށް އެކަން ކޮށްދެއްވާށޭ،" އިބޫ ވިދާޅުވި އެވެ. "ސްކޫލް ވެސް ހުޅުވިފައި، ސްކޫލަށް މީހުން ކުދިން ވެސް ގެންދަންޖެހޭ، ހޯލްތައް ވެސް ބޭނުންކުރަންޖެހޭ. ކިހިނެއްތޯ މިކަން ކުރާނީ؟"
އެ މަނިކުފާނު ވިދާޅުވީ ޝައްކެއް ނެތް ގޮތުގައި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒުން އީސީން ނިންމި ގޮތެއް ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑަށް ހަމަ ޔަގީން، ޝައްކެތް އޮތް ކަމެއް ނޫން، އެއީ ރައީސް ޑރ. މުއިއްޒުގެ ބާރާއި ނުފޫޒު ފޯރުވައިގެން،" އިބޫ ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ އިލެކްޝަންސް ކޮމިޝަނަށް އޭގައި ޖެހިވަޑައިނުގަންނަވާށޭ."