އެއާ އެމްބިއުލާންސްގެ ހިދުމަތަށް މި މަހުގެ ތެރޭގައި ސީޕްލޭން ވެސް ބޭނުން ކުރަން ފަށަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން ޕީއެސްއެމްގައި އައިލެންޑް އެވިއޭޝަން ސާވިސެސް އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަލީ ސަލީމު ވިދާޅުވީ އެ ހިދުމަތް ފަށަން ތާވަލުކޮށްފައި އޮތީ މި މަހުގެ 15 ގައި ކަމަށެވެ. އެގޮތުން އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަން ހަމަޖެހިފައިވާ، ގައުމީ އެއާލައިން މޯލްޑިވިއަންގެ މަސީޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ޑޭޝް-8 ގެ މަތިންދާބޯޓެއްގައި ރާއްޖޭގައި އަލަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ އިއްޔެ އެވެ. އެގޮތުން އެއިން ފުރަތަމަ ބަލި މީހަކު އުފުލީ ރޭ މެންމަދު ކުޅުދުއްފުށިން މާލެއަށެވެ.
ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ދެމަހެއްޓެނިވި ގޮތަކަށް 24 ގަޑިއިރު ލިބޭ ހިދުމަތަށް ހެދުމަށެވެ. މިއީ ކުއްލި ހާލަތުގައި ބޭނުންވާ ސިއްހީ ފަރުވާ އަށް ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށްޓަކައި ފެށި ހިދުމަތެކެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތަކީ އައިއޭއެސް އާއި ހެލްތު މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރި އާއި އެންސްޕާގެ އިތުރުން އާސަންދަ ގުޅިގެން ދޭ ހިދުމަތެކެވެ.