ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އައްޑޫ ފޭދޫގައި ބާއްވަން ނިންމި ލޯކަލް މާރުކޭޓް ނުބާއްވަން ނިންމައިފި އެވެ.
ފޭދޫ އަވަށު އޮފީހުން މިއަދު ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ދުވަސް ރޯދައާ ހަމައަށް ބާއްވަން ޕްލޭންކުރި ލޯކަލް މާރުކޭޓް ނުބާއްވަން ނިންމީ އޭގައި ބައިވެރިވާން ހުޅުވައިލުމުން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ކަމަށެވެ.
ފޭދޫ ބަނދަރު މަތީީގައި ބާއްވާ ގޮތަށް ނިންމި ލޯކަލް މާރުކޭޓްގައި ބައިވެރިވާން އަވަށު އޮފީހުން ހުޅުވައިލީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި ސުންގަޑި ހަމަވީ މި މަހުގެ 1 އަށެވެ.
ލޯކަލް މާރުކޭޓެއް ބާއްވަން ނިންމީ ރޯދަ މަހު އާންމުންނަށް ރާއްޖޭގައި އުފައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އިތުރުން މަހުގެ ބާވަތްތައް ފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުންނެވެ.
ލޯކަލް މާރުކޭޓް ކެންސަލްކުރި އިރު، އަވަށު އޮފީހުން އިންތިޒާމުކުރި ނައިޓް މާކެޓެއް މިދިޔަ ހުކުރު ދުވަހު އައްޑޫގައި ވަނީ ފަށައިފަ އެވެ. ޖުމްލަ 20 ވިޔަފާރިއަކުން ބައިވެރިވި ނައިޓް މާކެޓް މި މަހުގެ 5 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އެއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އަވަށު އޮފީހުން ބުންޏެވެ.