ކިރުވި މަހަށް މަސްވެރިންނަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން މިހާރު ނުދެވި ބާކީ ހުރިހާ ފައިސާ ކުރިއަށް އޮތް ރޯދައިގެ ކުރިން ދެވޭތީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ރ. ދުވާފަރުގައި ވިދާޅުވީ މަސްވެރިންނަށް ދޭންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.
"ރޯދަ މަސް އަންނަންވާ އިރަށް މި ބަލަނީ ކޮންމެވެސް ފައިނޭންސް މެކޭނިޒަމެއް ހަމަޖައްސަން. އެ މަސައްކަތް އެބަކުރަން މިހާރު. ފިޝަރީޒް މިނިސްޓްރީ އާއި ސަރުކާރުގެ ބޮޑު ކުންފުންޏެއް އެކީގައި މަސައްކަތްކޮށްގެން، ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅުގަނޑު މި ބަލަނީ ފައިސާ ހަމަޖައްސަން." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފައިސާ ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަގީންކަން އޮތްކަމަށާއި އެކަން ހަމަޖެހުމުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ރޯދައިގެ ކުރިން ދެވޭނެ ކަމަށެވެ.
"ދެން އެ ހިސާބުން ދެން ބަލާނީ އަޅުގަނޑު ވައުދު ވި ގޮތަށް ސާޅީސް އަށްގަޑިރު ތެރޭގައި ފައިސާ ދިނުން. އެ ހިސާބަށް ނުދެވިގެން މި އުޅެނީ [އަދި]. ބެކް ލޮގްގައި މުޅިން މި އުޅެން ޖެހެނީ. އަޅުގަނޑު މީ ވައުދުވެފައި ވަައުދު އޮޅުވާލާ ދޮގު ހަދާނެ މީހެއް ނޫން." ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރު މިހާތަނަށް މަސްވެރިންނަށް 600 މިލިއަނެއްހާ ރުފިޔާ ދީފައިވާނެ ކަމަށެވެ. އަދި ސަރުކާރު ހަވާލުވިި އިރު މަސްވެރިންނަށް ނުދީ އޮތް 230 މިލިއަން މި ސަރުކާރުން ދީ އޭގެ އިތުރުން ވެސް މިިހާތަނަށް 400 މިލިއަން ދީފައިވާ ކަމަށެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފައިބާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.