Last Updated: November 22, 01:53
Thursday, November 21, 2024
ޚަބަރު

"ބަޔާން ބާތިލް ކުރަން ޖެހޭ ސަބަބެއް ނުދެއްކޭ"

ކެނދިކުޅޫދޫ ކައުންސިލުން ބަޔާން ނެގުމާއި ދެކޮޅުންކަން ހާމަކޮށްފި / ފޮޓޯ: ސޯޝަލް މީޑިއާ

ކެނދިކުޅުދޫ ކައުންސިލުން މިމަހުގެ ދެވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާން ބާތިލް ކުރަން އެލްޖީއޭއިން އެންގި ނަމަވެސް އެ ބަޔާން ބާތިލް ކުރަން ޖެހޭ ސަބަބެއް ނުދެއްކޭ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފިއެވެ.

އެކައުންސިލުން މިހެން ބުނެފައިވަނީ އެލްޖީއޭގެ ރައީސް އަދި ކައުންސިލް މިނިސްޓަރ އާދަމް ޝަރީފަށް ކައުންސިލުން ފޮނުވާފައިވާ ސިޓީއެއްގައެވެ. މި ސިޓީގައި ވަނީ އެލްޖީއޭއިން އެ ބަޔާން ބާތިލް ކުރަން އަންގާ ލާމަރުކަޒީ ޤާނޫނުގެ 133 ވަނަ "ނ" އާއި ހަވާލާ ދީފައިވީ ނަމަވެސް، އެ މާއްދާގައި ޚިދުމަތް ލިބިގަންނަ ކޮންމެ ފަރާތެއް ކަން ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ މާއްދާގެ މާނަ އޮޅޭގޮތަށް އެލްޖީއޭއިން މާއްދާ ބޭނުން ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ކައުންސިލުން ވަނީ ތުހުމަތު ކުރައްވާފައެވެ.

މީގެ އިތުރުން އެކައުންސިލުން ވަނީ އެލްޖީއޭއިން ބަޔާން ނެގުމަށް ފޮނުވި ސިޓީގައި، ކެނދިކުޅުދޫ ކައުންސިލުގެ ބަޔާނުގައި ސޮއި ނެތްކަން ފާހަގަ ކުރާއިރު، ދައުލަތުގެ ގިނަ ވުޒާރާތަކުންވެސް އެގޮތަށް ބާޔާން ނެރޭކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަކީ ދައުވާ ކުރެވޭ އަދި ދައުވާ ލިބޭ ވަކި ޝަހުސެއް ކަމުން މުޅި ކައުންސިލުގެ ނަމުގައި ލެޓަރ ހެޑުގައި ބަޔާން ނެރުން މައްސަލައެއް ނޫން ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ބަޔާން ނެގުމަށް ދެކޮޅު ހަދާފައި މިވަނީ، މިމަހުގެ 2 ވަނަ ދުވަހު އެ ކައުންސިލުން ނެރުނު ބަޔާނުގައި ރައީސް ޑރ. މުއިއްޒު އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާ ކެމްޕެއިންކޮށް ސިޔާސީ ކޮށްފައިވާ ކަމަށް ބުނެ އެ ކައުންސިލުން ނެރުނު ބަޔާނާއި ގުޅުވައެވެ. އެ ބަޔާނުގައި ކައުންސިލުން ވަނީ ދައުލަތުގެ މުދަލުން ކެމްޕެއިން ކުރަމުންދާ ކަމަށް ސަރުކާރަށް ތުހުަމަތުކޮށްފައެވެ. އެގޮތުން އެ މަގަށް ރައީސް އަދި ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުންގެ ބަސްމަގު ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

އެލްޖީއޭއިން އެ ބަޔާނާއި ގުޅިގެން ކައުންސިލަށް ބަޔާން އަނބުރާ ނެގުމަށް އަނގާފައިވާއިރު، އެކައުންސިލުން ވަނީ އަނގަމަތީ ޓޭޕް އަޅައި ބަޔާން ނެގުމަށް އިންކާރުކޮށްފައެވެ. އަދި އެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.