Last Updated: November 22, 01:53
Thursday, November 21, 2024
ޚަބަރު

ސްޓެލްކޯގެ ފެން މީޓަރަށް ނަގާ 30ރ. އުނިކޮށްފި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދޭ ރައްތަކުން ބިލްތަކަށް ނަގަމުންދާ 30ރ. ޗާޖް އަންނަމަހުން ފެށިގެން ކަނޑާލުމަށް އެކުންފުނިން ނިންމައިފިއެވެ.

އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ މިކަން ހާމަކޮށް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންގެ އިޙުސާސްތައް ދަންނަ އިހުލާސްތެރި ސަރުކާރެއް ކަމަށެވެ. އެގޮތުން ފާއިތުވި ހުރިހާ ސަރުކާރެއްގައިވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ފެނާއި ކަރަންޓު މައްސަލައަށް ރައީސް ޑރ. މުއިއްޒު އަމިއްލަފުޅަށް އިސްނަންގަވައިގެން ހައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވުމަކީ ރައްޔިތުންގެ ޝުޢޫރަށް އިޙްރިތިރާމް ކުރާކަން ހާމަވެގެން ދާ ކަމެކެވެ.

ސްޓެލްކޯ އެމްޑީ އިޝާރާތް ކުރައްވާފައިވަނީ، ރޯދަ މަހު ފެނާއި ކަރަންޓު ބިލްތައް ބޮޑު ނުވާ ގޮތަށް ކެޕް ކުރައްވާނެ ކަމަށް ރައީސް ހާމަ ކުރެއްވުމާއި ގުޅުވައެވެ. މިއާއެކު ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދެމުން އަންނަ ރަަށްތަކުން ނަގަމުން އަންނަ ޗާޖް ކަނޑާލަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

" ރައީސްގެ މި ހަރުދަނާ ވިސްނުންފުޅުތަކާއި އެކު ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށްތަކުން ނަގަމުން އަންނަ 30 ރުފިޔާގެ ޗާޖް އަންނަ މަހުން ފެށިގެން ނެގުން ހުއްޓާލެވޭނެ. ރައްޔިތުންގެ ލާބައަށް އެމަނިކުފާނު މި ނިންމެވި ނިންމުން އަޅުގަނޑުމެން ތަންފީޒުކުރާނީ އުފަލާއި އިޚުލާސްތެރިކަމާއިއެކު. " ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއިން މި ޗާޖް ނުނަގަން ނިންމާފައިވާއިރު، ސްޓެލްކޯއިން ދަނީ ފެނުގެ ޚިދުމަތް ކ. އަތޮޅުގެ ދެ ރަށަކަށާއި، އދ. ގެ 3 ރަށަކަށް އަދި އއ. ގެ 3 ރަށަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދޭ ރަށްތަކުގެ ލައިން ޗާޖް ކަނޑާލަން ނިންމާފައިވާއިރު، 2020 ވަނަ އަހަރު ފެނަކައިން ވެސް ވަނީ މި ލައިން ޗާޖް ނުނަގަން ނިންމާފައެވެ.