ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި އެވެ.
ޝާހިދު ފުވައްމުލަކަށް ރޭ ދަންވަރު ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އެ ސިޓީގެ މޭޔަރު އިސްމާއިލް ފިރާގު އާއި އެމްޑީޕީގެ ފަރާތުން ފުވައްމުލަކުގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ކެންޑިޑޭޓުންނާ އެކު ފުވައްމުލަކުގައި ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ފުވައްމުލަކު މެދު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އަށް ވަނީ ކެންޑިޑޭޓަކު ނެރެފަ އެވެ. ނަމަވެސް ފުވައްމުލަކު އުތުރު ދާއިރާ އަށް އެ ޕާޓީން ކެންޑިޑޭޓެއް ނެރެފައެއް ނުވެ އެވެ.
ޝާހިދު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ސޯލިހު މިވަގުތު ހުންނެވީ ނ. އަތޮޅުގަ އެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް 21 ގަ އެވެ.