ކުރިއަށް އޮތް ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9:00 އާ ދޭތެެރޭ ފަށަން އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި9:00 އާ ދެމެދު ކަމަށާއި ކިޔެވުން ނިމޭ އެންމެ ފަހު ގަޑިއަކީ މެންދުރު ފަހު 3:00 ކަމަށެވެ.
ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ވެސް ކިޔަވައި ދޭން ފަށާނީ 8:30 ގަ އެވެ.
ސާކިއުލާގައި ބުނީ ކިޔަވައިދިނުމުގެ ވަގުތު ކަނޑައަޅަން ވާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 3:00 ގެ ކުރިން ނިމޭ ގޮތަށެވެ. އެގޮތުން ދަންފަޅިތަކުގެ ދިގުމިން ބަލާ އިރު އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން (1 ގަޑިއިރާ 30 މިނެޓް)، ގްރޭޑް 1-6 އަށް (2 ގަޑިއިރާ 30 މިނެޓް) އަދި ގްރޭޑް 7-12 އަށް (3 ގަޑިއިރު) އެވެ.
މިނިސްޓްރީން ބުނީ ރޯދަ މަހު ކިޔަވައިދޭ ވަގުތު މަދުވާތީ ދިގުމިން ވާން ޖެހޭނީ 30-45 މިނެޓާ ދެމެދު ކަމަށެވެ. އަދި ރޯދަ މަހުގެ ދެ ހަފުތާތެރޭ ހުރިހާ މާއްދާއެއް ވެސް ކިޔަވައިދޭ ގޮތަށް ހަމަޖައްސަން ޖެހޭނެ އެވެ.
ރޯދަ މަހު ޓީޗަރުންގެ މަސައްކަތުގެ ގަޑި 4 ގަޑިއިރަށް ވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށް ގެންދާ ވަގުތުތަކުގައި އިދާރީ އޮފީހުގެ މަސައްކަތްތައް މެދު ނުކެނޑޭނެހެން އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުމަށް ވެސް މިނިސްޓްރީން އަންގާފައިވެ އެވެ. އަދި
ކިޔެވުމުގެ ދަންފަޅިތައް ރާވާއިރު، ވަގުތަށް ނަމާދުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ކުދިންނަށް ދީނީ މައުލޫމާތު ދިނުމާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސްކޫލުތަކުގައި އެއްވެސް ހަަރަކާތެއް ނުހިންގަން ވެސް އެޑިއުކޭޝަންގެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
ނަމަވެސް ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި ސްކޫލުން ހިންގާ ޕްރޮގްރާމްތައް 9:00-10:30 އާ ދެމެދު ރޭވުމަށް އެދިފައިވެ އެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފުތާގެ ހޯމަ ދުވަހެވެ.