މާކެ ސަރަހައްދުގައި ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ބުނެފައިވަނީ މިދުވަސްވަރު މާލޭގައި ބޭރަށްހިންގުން އަދި ހޮޑުލުން އިތުރުވާކަމަށް ފާހަގަ ކުރެވިފައިވާކަމަށެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން ފެބްރުއަރީ 4 އިން ފެށިގެން މާޗް 2 ގެ ނިޔަލަށް ބޭރަށްހިންގުމާއި ހޮޑުލުމުގެ 3000 އަށްވުރެއް ގިނަ ކޭސް ރިޕޯޓު ކޮށްފައިވެއެވެ.
މިދުވަސްވަރު މާލޭގައި ބޭރަށްހިންގުން އަދި ހޮޑުލުން އިތުރުވާކަމަށް ފާހަގަކުރެވޭ. ⁰މިދުވަސްވަރަކީ ގިނަ ފަރާތްތައް އެއްވެ، ކާބޯތަކެތި ތައްޔާރުކޮށް އެއްކޮށް ކައި ހަދާ ދުވަސްވަރެއްކަމުން، ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ. pic.twitter.com/1QsnZToPm2
— Health Protection Agency (@HPA_MV) March 5, 2024
ބޭރަށް ހިންގުމުގެ އިތުރުން ގިނައިން ހޮޑުލުން، މާބޮޑަށް ވަރުދެރަވުން، ބޮލަށް އެނބުރުން އެރުން، އާދަޔާ ޚިލާފަށް ކަރުހިއްކުން އަދި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެއިތުރުން ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނުޕެކެޓް ފަދަ ދިޔާ ތަކެތި ބޭނުންކުރުމަށް، ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އަދި ރަނގަޅަށް ސެނެޓައިޒް ކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.