ދ. ކުޑަހުވަދީ ވާނީ ރާއްޖޭގެ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ތަނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްކެ އެވެ.
އެ މަނިކުފާނު މިއަދު އަނެއްކާ ވެސް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުގެ ތެރެއިން ފުރަތަމަ އަތޮޅަކަށް ދަ. އަތޮޅު ދަތުރުގެ ތެރެއިން ކުޑަހުވަދު އަށް ވަޑައިގެން ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އެ ރަށަކީ ދެމެހެއްޓެނިވި ތަރައްގީ އެންމެ ފުރިހަމަ އަށް ގެނެވޭނެ އެއް ރަށް ކަމަށެވެ. އެގޮތުން ކުޑަހުވަދޫގައި ޚިދުމަތްތައް ވެސް ގާއިމުކުރާނީ އެންމެ މަތީ ފަންތީގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ކުޑަހުވަދޫ ތަރައްޤީކުރުމުގައި އެހެން ރަށްތަކުން އަމިއްލަ ޝައުގުވެރިކަމުގައި މީހުންނަށް ހިޖުރަކޮށް ދިރިއުޅެވޭނެ ރަށެއްގެ ގޮތުގައި ރަށް ތަރައްޤީކުރުން ކަމަށެވެ. އެގޮތުން ރަށުގެ ސިއްހަތާއި ތަޢުލީމީ ޚިދުމަތް އަދި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރައްވާނެކަމަށް ވިދާޅުވި އެވެ. އަދި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ހިންގަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ކުޑަހުދޫ ވާނީ އެއް އަރބަން ސެންޓަރަށް. ރަށުގައި ގެދޮރާއި ވަޒީފާ، ސިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ފުޅާކުރާނަން. އެއީ ރައްޔިތުން ބޭނުންވާ ބަދަލުތަކާ އެކީ މަތީ ފެންވަރުގެ ޚިދުމަތްތައް ރަށަށް އަންނާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ރަށުގެ ބަނދަރު ބޮޑުކޮށް، ރަށުގެ އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ރަށުގައި ވިޔަފާރި ބަނދަރެއް ވެސް ތަރައްގީކޮށް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލްގެ އާ އިމާރާތާއި ޑައިލަސިސް ފަރުވާ އާއި، ރަށުގައި ތިބެގެން ކުޅިވަރު ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް ވެސް ޤާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ކުޑަހުވަދޫ އެއާޕޯޓް ޚިދުމަތް ވެސް އިތުރަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.