Last Updated: April 28, 18:59
Sunday, April 28, 2024
މުނިފޫހިފިލުވުން

ޖާންވީ އަށް ދެކުނުގެ އިތުރު ފިލްމެއް

ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް އަނެއްކާ ވެސް އިންޑިއާގެ ދެކުނުގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

ކުރިއަރަމުން އަންނަ ބަތަލާ މި ފަހަރު ސޮއިކޮށްފައި ވަނީ މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމަކަށެވެ. ޗަރަންއާ އެކީ 2022 ގެ ފިލްމު "އާރްއާރްއާރް" ގައި އެންމެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރު އެންޓީއާރް ޖޫނިއާ އެކީ ޖާންވީ ކުޅުނު ފިލްމު "ދެވާރާ" މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވެ އެވެ.

ކާސްޓްގައި ސައިފް އަލީ ޚާން ވެސް ހިމެނޭ މި ފިލްމު ޖާންވީ، 26، ގެ ފުރަތަމަ ތެލެގޫ ފިލްމަށެވެ. ދެކުނުގެ ފިލްމުތަކުން ޖާންވީ އަށް ފުރުސަތުތައް ލިބެމުން އަންނަ އިރު، ޗަރަންއާ އެކީ ކުޅެން އުންމީދީ ބަތަލާ ސޮއިކުރި ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ޖާންވީގެ މަންމަ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ އަކީ ދެކުނުގެ ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެއްކަމެވެ.

ޖާންވީ އާއި ޗަރަންގެ ފިލްމުގެ މިއުޒިކް އޭއާރް ރަހުމާން މިއުޒިކް ހަދަން ހަމަޖެހިފައިވާ އިރު، މީގެ ޑައިރެކްޓަރަކީ 2021 ގެ ތެލެގޫ ރޮމޭންޓިކް ޑްރާމާ "އުޕެނާ" ގެނެސްދިން ބުޗީ ބާބޫ ސަނާ އެވެ.

ދެހާސް އަށާރައިގެ "ދަޅަކް" އިން ބޮލީވުޑަށް ނުކުތް ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބަވާލް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދެވާރާ" ގެ އިތުރުން "މިސްޓަ އެންޑް މިސިޒް މާހީ"، "އުލާޖް" އަދި "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ހިމެނެ އެވެ.