Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ފޭދޫ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން މާދަމާ ރޭ

މިދިޔަ މަހު އައްޑޫ ފޭދޫގައި ބޭއްވި "ފޭދޫ ޤުރުއާން މުބާރާތް 1445" ގެ ނަތީޖާ ފާޅުކުރުން މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

އެ މުބާރާތް ފޭދޫ ސްކޫލާ ގުޅިގެން އިންތިޒާމުކުރި ފޭދޫ އަވަށު އޮފީހުން ބުނީ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭ ފޭދޫ ސްލޫލްގައި ކަމަށެވެ.

ފޭދޫގެ ދަރިވަރުންނަޑް ހާއްސަކޮށްގެން މިދިޔަ މަހުގެ 8-10 އަށް ބޭއްވި ޤުރުއާން މުބާރާތުގައި ޖުމްލަ 112 ދަރިވަރަކު ވާދަކުރި އެވެ.

މުބާރާތް ބޭއްވީ ދެ ކެޓަގަރީއަކަށެވެ. އެއީ ފޭދޫ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކެޓަގަރީ އާއި އައްޑޫގެ އެހެން އަވަށްތަކުގެ ސްކޫލްތަކުގައި ކިޔަވާ ފޭދޫގެ ދަރިވަރުންނަށް ހާއްސަ ކެގަޓަރީ އެވެ. ފޭދޫ ސްކޫލުން މުބާރާތުގައި 77 ދަރިވަރަކު ވާދަކުރި އެވެ. އަދި އެހެން ސްކޫލްތަކުން 35 ދަރިވަރަކު ވާދަކުރި އެވެ.

ބަލައިގެންނާއި ނުބަލައި ކިޔެވުމުގައި ބައި ހިމެނޭ ގޮތަށް "ފޭދޫ ޤުރުއާން މުބާރާތް 1445" ބޭއްވީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. މުބާރާތުގެ ވަނަތައް ހޮވަން ނިންމާފައި ވަނީ ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީން ދެ ޖިންސްގެ ވަކިވަކިން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން 3،2،1 ހޮވުމުގެ އިތުރަށް އަނެއް ކެގަޓަރީން 3،2،1 ހޮވާ ގޮތަށެވެ.

ފޭދޫ އަވަށު އޮފީހުން ބުނީ "ފޭދޫ ޤުރުއާން "މުބާރާތް" ދެން ކޮންމެ އަހަރަކު ވެސް ބާއްވާނެ ކަމަށެވެ.