Last Updated: April 28, 20:07
Sunday, April 28, 2024
ޚަބަރު

ކަޅުއޮށްފުންމި މަރާމާތު ކުރުމުގެ މަސައްކަތް ނިމިއްޖެ

ކަޅުއޮށްފުންމީގެ ނަކަލު

އާރަށުގައި އޮތް ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތު ކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހަފްތާ 14ގެ ތެރެއިން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކޮށްފައިވާ މަސައްކަތްތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ހަފްތާ 14 ގެ ކަންތައްތަކުގެ އިތުރުން ޤައުމީ އިހްސާސްތަކަށް ދިރުންގެންނަ ކަންތައްތަކެއްވެސް އެމިނިސްޓްރީން ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން ކަޅުއޮށްފުންމި ދާރުލްއާސާރު ސަރަހައްދަށް ގެނައުމަކީ ޚާއްސަ ކަމެއް ކަމަށާއި، ކަޅުއޮށްފުންމި ގެނެސް އެ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ. އަދި އާސާރީ ތަރިކައެެއްގެ ގޮތުގައި އޮޑިކޮޅު އެ ތަނުގައި ހުންނަ ހުރުމުގައި އެއަށް ބޭނުންވާނެ ރައްކާތެރިކަން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަޅުއޮށްފުންމީގެ ޑިޖިޓަލް ވާހަކަ ތައްޔާރު ކުރަމުންދާ ކަމަށާއި، އެހެންކަމުން ޒަމާނީ ގޮތެއްގައި އެ ވާހަކަ ބަލާލުމުގެ ފުރުސަތު ލިބޭނެ ގޮތަށް އެކަން ތައްޔާރު ކުރެވެމުންދާ ކަމަށެވެ. އަދި ކަޅުއޮށްފުންމީގެ ހަރުގެ ނިމޭއިރު އެތަން ދާރުލްއާސަރަކަށް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކަޅުއޮށްފުންމި ބާއްވާފައިވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދުގައެވެ.

ކަޅުއޮއްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދުގައި މިހާރު ބެހެއްޓިފައިވަނީ މި އޮޑިކޮޅުގެ ނަކަލެކެވެ. މި ނަކަލު ބަނދެވުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައި ވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.